މިދިޔަ މަހުގެ ކަރަންޓުގެ ބިލުކުރާނީ ސަރުކާރުން ކަނޑައެޅި އައު ޓެރިފް ރޭޓްގައި ކަމަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ވިދާޅުވެއްޖެއެވެ.
މިމަހުން ފެށިގެން ކަރަންޓުގެ ޓެރިފް ރޭޓް ކުޑަކުރެއްވުމަށް ނިންމަވާ އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މިދިޔަ މެއިމަހުގެ 30 ވަނަ ދުވަހުއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށްކަމަށެވެ. އަދި މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެކަން ސްޓެލްކޯއިން ފާހަގަކުރައްވައެވެ. އަދި ދެން ފޮނުވާ ހުރިހާ ކަރަންޓު ބިލްތަކެއްވެސް ތައްޔާރުކުރާނީ އައު ޓެރިފްރޭޓްތަކުގައި ކަމުގެ ޔަގީންކަން ސްޓެލްކޯއިން ވަނީ ދެއްވާފައެވެ.
އަތޮޅުތެރޭގެ ގިނަ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފެނަކައިން ވިދާޅުވީ މެއި މަހުގެ ބިލަށް މިހާރު ފައިސާ ދައްކާފައިވާ ފަރާތްތަކަށް ޖޫންމަހުގެ ބިލުން އެބައި އުނިކުރެވޭނެކަމަށެވެ. އަދި މެއި މަހުގެ ބިލު ދައްކާފައިނުވާ ފަރާތްތަކަށް ކުޑަ ޓެރިފް ރޭޓުގައި އަލުން ބިލު ޖެނެރޭޓު ކުރެވޭނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.
ބޭންޑް 0-100: 1.50 ރުފިޔާއިން 1.25 ރުފިޔާއަށް
ބޭންޑް 101-200: 1.70 ރުފިޔާއިން 1.50 ރުފިޔާއަށް
ބޭންޑް 201-300: 2.15 ރުފިޔާއިން 1.50 ރުފިޔާއަށް
ބޭންޑް 301-400: 2.50 ރުފިޔާއިން 1.50 ރުފިޔާއަށް
ބޭންޑް 401-500: 2.95 ރުފިޔާއިން 2.66 ރުފިޔާއަށް
ބޭންޑް 501-600: 3.55 ރުފިޔާއިން 3.20 ރުފިޔާއަށް
600 އިން މަތީގެ ބޭންޑުތައް: 4.25 ރުފިޔާއިން 3.83 ރުފިޔާއަށް
ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި މިވަނީ ކަރަންޓު ބިލު ބޮޑުވުމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.