ސޫރިޔާގައި ޤާއިމުކޮށްފައި އޮތް އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ އަސްކަރީ މަރުކަޒުތަކުގެ އަދަދު މަދު ކުރުމަށް ނިންމާފައިވާ ކަން، އެމެރިކާއިން ސޫރިޔާއަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު، ތޮމަސް ބަރާކް ހާމަކުރައްވައިފިއެވެ. ސޫރިޔާގެ އެކި ކަންކޮޅުތަކުގައި މި ވަގުތު އެމެރިކާގެ އަށް އަސްކަރީ މަރުކަޒު ޤާއިމު ކޮށްފައި އޮތް އިރު، ބަރާކް ވިދާޅުވީ އޭގެ ތެރެއިން އެންމެ މަރުކަޒެއް ފިޔަވައި އެހެން ހުރިހާ މަރުޒަކެއް ބަންދު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވާ ކަމުގައެވެ.
ސޫރިޔާގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އަދަދު މަދު ކުރުމަށް ނިންމާފައިވާ ކަން ބަރާކް ހާމަ ކުރައްވާފައި ވަނީ ތުރުކީވިލާތުގެ ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. އޭނާ ވިދާޅުވީ، ސޫރިޔާއާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތު ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، ކުރިން އަމަލު ކުރަމުން ދިޔަ ސިޔާސަތުތަކުގެ ފައިދާއެއް ފެނިފައި ނުވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ސޫރިޔާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަޤާމަށް ބަރާކް ޢައްޔަން ކޮށްފައި ވަނީ ހުސްވި މޭ މަހުގެ ތެރޭގައެވެ. އެ މަހުގެ ތެރޭގައި ރައީސް ޓްރަމްޕް ވަނީ ސޫރިޔާއާ މެދު އެމެރިކާއިން އަމަލު ކުރަމުންދާ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އޭގެ ތެރޭގައި އެ ޤައުމާ ދެކޮޅަށް އެމެރިކާއިން އަޅާފައި އޮތް ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް ބާޠިލު ކުރެއްވުން ހިމެނެއެވެ.
ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ންނެވެ. ރައީސް ކަމުގެ މަޤާމު ފުރަމުން ދަނީ އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ. ހުސްވި މަހުގެ ތެރޭގައި ގަލްފުގެ ތިން ޤައުމެއްގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ޓްރަމްޕް ވަނީ ޝަރާޢާ ބައްދަލު ކުރައްވައި، އެ ޤައުމުގެ ކުރިމަގަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ވިދާޅުވެފައެވެ.
ބަޣާވާތެއްކޮށް، ޝަރާޢުގެ ފައުޖުން ސޫރިޔާގެ އިންތިޚާބީ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރު ކޮށްފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. ވެރިކަން ވައްޓައިލުމުން އަސަދު ވަނީ ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވައި، މޮސްކޯއިން ޙިމާޔަތް ހޯއްދަވާފައެވެ. 14 އަހަރަށް ދެމިގެންދިޔަ ސޫރިޔާގެ އަހުލީހަނގުރާމައަށް ފަހު ޝަރާޢުގެ ސަރުކާރުން މި ވަގުތު ދަނީ ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި، ހުޅަނގުގެ ބާރުތަކާ އެކު ގުޅުން އިޔާދަ ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެމެރިކާގެ އިސްތިޢުމާރީ ސިފައިން ސޫރިޔާއަށް ފޮނުވާފައި ވަނީ 2014ވަނަ އަހަރު ސޫރިޔާއާއި ޢިރާޤުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކުރި ނިރުބަވެރި ޖަމާޢަތް، އައިއެސާ ދެކޮޅަށް ކުރި ހަނގުރާމައިގައި ބައިވެރި ކުރުމަށެވެ. މިހާރު ވެސް ސޫރިޔާގެ އިރުއުތުރުގެ ސަރަޙައްދުތަކުގައިވާ އަސްކަރީ މަރުކަޒުތަކުގައި އެމެރިކާގެ 2,000އެއްހާ އިސްތިޢުމާރީ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެ މީހުންގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާޢަތުގެ ނިރުބަވެރި ހަރަކާތްތައް ހުއްޓުވުމެވެ. ސޫރިޔާގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ އަދަދު މަދު ކުރުމަށް ނިންމާފައިވާ ކަން ސާފެއް ނޫނެވެ.
ހުސްވި ހަފުތާގައި ބަރާކް ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވަޑައިގަންނަވައި، އެޗްޓީއެސް ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު މުހިންމު މަޝްވަރާތަކެއް ބާއްވަވާފައެވެ. "އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މި ވަގުތު ސޫރިޔާއާ މެދު ގެންގުޅޭ ސިޔާސަތަކީ، މީގެ 100 އަހަރު ކުރިން ފެށިގެން އަމަލު ކުރަމުން ގޮސްފައިވާ ސިޔާސަތާ ވަރަށް ތަފާތު ސިޔާސަތަކޭ، ކުރީގެ ސިޔާސަތުން އެއްވެސް އެދެވޭ ނަތީޖާއެއް ފެންނާކަށް ނެތް،" އޭނާ ވިދާޅުވިއެވެ.
އަދި، ސޫރިޔާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އަދަދު އަށަކުން އެކަކަށް މަދު ކުރުމަށް ނިންމުމަކީ އެ ސިޔާސަތުގެ ދަށުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. ސޫރިޔާގެ މަސްރަޙު ދިރާސާ ކުރާ މަޞްދަރުތަކުން ބުނީ، އެ ޤައުމުގެ އިރުމަތީ ދަޔިރް އަލް-ޛޫރްގައި އެމެރިކާއިން ޤާއިމު ކޮށްފައި އޮތް އަސްކަރީ މަރުކަޒުތަކުގައި ތިބި ސިފައިންނާއި އަސްކަރީ އުޅަނދުފަހަރު އަލް-ޙަސަކާ ޕުރޮވިންސުގައި ހުރި އަސްކަރީ މަރުކަޒަކަށް ބަދަލު ކުރުމުގެ މަސައްކަތް ދާދިފަހުން ނިންމާފައިވާ ކަމުގައެވެ. އަދި، ދަޔިރް އަލް-ޛޫރްގައި ތިބި ހުރިހާ ސިފައިން އެ ސަރަޙައްދުން ބޭލުމަށް ނިންމާފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.