ޚަބަރު

ކަރަންޓު ކެނޑުނު މައްސަލަ ދިރާސާކޮށް މައްސަލަ ދިމާނުވާނެ އިންތިޒާމް ހަމަޖައްސަން ދަނީ މަސައްކަތް ކުރަމުން: ވަޒީރު ޠާރިޤް


  • މިއަދު މެންދުރު 12:30 ހާއިރު މުޅި މާލެ ސަރަޙައްދުން ވަނީ ކަރަންޓު ކެނޑިފައި

  • ވަޒީރު ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރަމުންދާކަމަށް

މުޅި މާލެ ސަރަޙައްދުން ކަރަންޓު ކެނޑުނު މައްސަލަ ދިރާސާކޮށް ކުރިއަށްއޮތްތަނުގައި މިފަދަ މައްސަލަތައް ދިމާނުވާނެގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެ ސަރަހައްދުން މިއަދު މެންދުރު 12:30 ހާއިރު ވަނީ ކަރަންޓް ކެނޑިފައެވެ. ނަމަވެސް މިހާރު މާލެއާއި ހުޅުމާލޭގެ ބޮޑުބަޔަކަށްވަނީ ކަރަންޓްދީފައެވެ. އަދި މުޅިމާލޭ ސަރަހައްދަށް މިރޭ އިރުއޮއްސުމުގެ ކުރިން ކަރަންޓް ދެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ކަރަންޓް ކެނޑުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ މާލެ ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން ކަރަންޓުގެ ޚިދުމަތް އަނބުރާ ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި ދިމާވި މައްސަލަ ދިރާސާކޮށް ބަލައި ކުރިއަށްއޮތްތަނުގައި މިފަދަ މައްސަލަތައް ދިމާނުވާނެގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުމާގުޅިގެން ރައްޔިތުންނަށް ދިމާވާނެ ތަކުލީފުތަކަށް މަޢާފަށް އެދިވަޑައިގެންފައެވެ.

ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.