ޚަބަރު

މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަން ދިރާސާކުރުން އެޖެންޑާގައި


  • ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް 5 ކަމެއް ވަނީ ތާވަލްކޮށްފައި

  • ދެވަނަ ދައުރު ނިމޭނެ ކަމަށް ޤަވާއިދުގަައި ބަޔާންކޮށްފައިވަނީ އޯގަސްޓް 15 ގަައި

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ނިންމައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ފޮނުވާފައިވާ ނަންތަކުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު، މާދަމާ ބާއްވާ ޖަލްސާގައި ކުރިއަށް ގެންދިއުމަށް 5 ކަމެއް ވަނީ ތާވަލްކޮށްފައެވެ. މީގެ ތެރޭގައި ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ނަންތައް ދިރާސާ ކުރުމަށް ދާއިމީ ކޮމެޓީއަށް ފޮނުވުމަށް ވަނީ ތާވަލްކޮށްފައެވެ. ދެން ތާވަލްކޮށްފައިވަނީ ނޭޕާލް، ޔޫކްރެއިން އަދި އަޔަލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުންގެ ނަންތަކެވެ. އަދި މިޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޟީލް ހުށަހަޅުއްވާފައިވާ ސިވިލް އެވިއޭޝަން އޮތޯރިޓީގެ ބިލުގެ އިބްތިދާޢީ ބަހުސް ކުރިއަށް ގެންދާނެއެވެ.

މަޖިލީހުގެ ޖަލްސާތައް ފެށުމަށް ތައްޔާރުވެފައިވާއިރު މިދިޔަ ދައުރު ނިންމާލާފައިވަނީ، މިދިޔަ މޭއި މަހުގެ 15 ވަނަ ދުވަހުއެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާލި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސަ އަބްދުލްލ އަބްދުއްރަހީމް ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ދައުރުގައި، މަޖިލީހަށް ހުށަހެޅުނު މައްސަލަތަކުގެ 77 އިންސައްތަ ނިންމާފައިވާ ކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ މި ދައުރުގެ ތެރޭގައި 9 ބިލު ފާސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިމިގްރޭޝަންގެ ޤާނޫނާއި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކާއި ގޭންގު ކުށްތައް ހުއްޓުވުމަށް ޤާނޫނުތަކަށް ގެނައި މުހިންމު އިސްލާހުތައް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

20 ވަނަ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މިއަހަރުގެ ދެވަނަ ދައުރު ފެށޭނީ ޖޫން މަހުއެވެ. އަދި 2 ވަނަ ދުއުރު ނިމޭނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގައި ކަމަށް ޤަވާއިދުގައި ބަޔާން ކުރެއެވެ.