ޚަބަރު

ސްކައުޓް ހަރަކާތް ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުގެ ފުރިހަމަ އެެއްބާރުލުން ލިބޭނެ: ރައީސް


  • ރައީސް ވިދާޅުވީ މިހާރު ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް

  • މި ހަރަކާތްތަކީ ގައުމަށް މުހިންމު ހަރަކާތެއްކަން ފާހަގަކުރެއްވި

ސްކައުޓް ހަރަކާތް ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް އެރުވުމާއި، ސްކައުޓް އެވޯޑް ދެއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ސްކައުޓް ހަރަކާތް ރާއްޖޭގައި ފުޅާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ. އަދި މި ހަރަކާތް މިހާތަނަށް ރާއްޖޭގައި ކުރަމުންގޮސްފައިވަނީ ވަރަށް ގިނަ ގޮންޖެހުންތަކަކާއި އެކުގައިކަމަށެވެ. އެގޮތުން ވަންނާނެ އިމާރާތެއް ނެތި ބާވެފައި ހުންނަ އެއް އިމާރާތުން އަނެއް އިމާރާތަށް ބަދަލުވަމުން ދާކަމަށާއި ނަމަވެސް މިއީ މިކަން ވާންޖެހޭނެގޮތް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުރިއަށްއޮތްތަނުގައި ރާއްޖޭގައި ސްކައުޓް ހަރަކާތް ފުޅާކުރުމަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. އެގޮތުން އުމްރާނީ ވަސީލަތާއި މާލީ އެހީގެ ގޮތުންވެސް އެހީތެރިކަން ވެދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޤައުމުގައި އަޅުގަނޑުމެންގެ މި ހަރަކާތް ދިރުވާ އާލާކޮށް ވަރުގަދަކުރުމަށް އަޅުގަނޑު ވަރަށް ބޭނުން. އެހެންވީމަ ސަރުކާރުން ހުރިހައި ޒާތެއްގެ ވަސީލަތްތައް ޝާމިލްވާގޮތައް ފަހިކޮށްދިނުމުގެ ވާހަކަ މިދަންނަވަނީ. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތަނުގައި މި ހަރަކާތް އަދި ޖުމްލަކޮށް ސްކައުޓް ހަރަކާތުގެ އިތުރަށްވެސް ހިނގާ އެކި ހަރަކާތްތައް އެބަހުރި ކެޑޭޓް، ގާލްގައިޑް. ޖުމްލަކޮށް މި ހުރިހައި ހަރަކާތަކަށް ކޮށްދޭންޖެހޭ ހުރިހައި މަސައްކަތެއް ވަރަށް ސަމާލުކަންދީގެން ކޮށްދޭނެކަމުގެ ޔަޤީންކަން ތިބޭފުޅުންނަށް އަރުވަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ސްކައުޓް ހަރަކާތް ހިންގާތާ 69 އަހަރު ވެފައިވާއިރު ވަރަށް ފަހުރުވެރި ކާމިޔާބީތަކެއް ހޯދާދީފައިވާކަމަށެވެ. އަދި ކުދިކުދި ކަންކަމުންގޮސް ބޮޑެތި ޤައުމީ ކާރިސާތަކުގައިވެސް ސްކައުޓުންގެ ބައިވެރިވުން ވަރަށް ބޮޑަށް ފެންނަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.