މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރެއް އޮންނަ ގޮތަށް ބަންޑާރަ ނައިބުގެ އޮފީހުގެ ޤާނޫނު އިސްލާހުކުރަން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާކަން އެ އޮފީހުން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބުރާސްފަތި ދުވަހު ތަސްދީޤު ކުރެއްވި ބަންޑާރަނައިބު އޮފީހުގެ ޤާނޫނާއެކު އެ އޮފީސް ސިވިލް ސާވިސްގެ ދަށުން ވަކިކޮށް މިނިވަންތަނެއްގެ ގޮތުގައި އައު ޤާނޫނުގެ ދަށުން ހިންގަން ފަށާނެއެވެ. މި ޤާނޫނުގައި ބަންޑާރަނައިބުގެ މަގާމަށް އައްޔަން ކުރެވޭ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައެޅުމާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސަރވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ޤާއިމުކުރުމަށްވަނީ ކަނޑައަޅާފައެވެ. އަދި އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާގޮތާއި ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުންގެ ކަނޑައެޅުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވައިލެއްވުމަކީވެސް މިޤާނޫނުގެ ބޭނުމެކެވެ.
އަލަށް ޢަމަލުކުރަން ފެށި ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނާއި ގުޅޭގޮތުން އެ އޮފީހުން ނެރުނު، ބަޔާނުގައި ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަކީ ޤާނޫނުއަސާސީން ބަންޑާރަނައިބާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދޭނެ ދައުލަތުގެ ވަކީލުންނާއި ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންނާގުޅޭ ހިންގުމުގެ އޮނިގަނޑު ޤާއިމުކޮށްދޭ ޤާނޫނެއް ކަމަށެވެ.
އެހެން ކަމުން މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން ޤާއިމުވެގެންދާނެ ބަންޑާރަނައިބުގެ އޮފީހުގެ ހިންގުމުގެ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ. ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވީ ކަމާއިގުޅޭ އިޞްލާޙުތައް އެކުލަވާލައި، އަންނަ ޖޫން މަހު ފަށާ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ފެށުމާއެކު ހުށަހެޅުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.
މި ޤާނޫނަށް ގެނައުމަށް ނިންމާފައިވާ ބައެއް އިޞްލާޙުތަކުގެ ތެރޭގައި، ބަންޑާރަނައިބުގެ އޮފީސް އެކުލެވިގެންވާ ގޮތާ ގުޅޭގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި، އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކަންކަން ބަދަލުކުރުމަށް ހުށަހަޅާ ބައެއް އިޞްލާޙުތަކުގެ އިތުރުން، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރެއް އޮންނަ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އަދި ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާއި އެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމުގެ އުސޫލުތައް ކަނޑައެޅިގެންދާނީ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވަ ގޮތުގެމަތިން ކަމުގައި ހަމަޖެއްސުމަށްޓަކައި އެ ޤާނޫނަށް ޤާނޫނަށް ބައެއް އިސްލާހުތައް ގެނައުމަށް ވަނީ ނިންމާފައެވެ.
ބަންޑާރަނައިބުގެ އޮފީހުގެ އައު ޤާނޫނުގައި، ބަނޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންކަމަށް ބަޔާންކުރަނީ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލާއި ލީގަލް ސަރވިސް އަދި އެޑްމިނިސްޓްރޭޓިވް ސަރވިސްގެ މަޤާމުތަކަށް އައްޔަންކުރެވޭ ފަރާތްތަކެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ޤާނޫނު ތަސްދީޤުކުރާތާ 90 ދުވަސް ހަމާވާ ތާރީޚުން ފެށިގެންނެވެ.