ޖަރުމަންގެ ބަޔާ ލެވަކޫސަންގެ ކޯޗުކަން އެރިކް ޓެން ހާގަށް ދޭން ނިންމައިފިއެވެ. އުމުރުން 55 އަހަރުގެ ކޯޗު އެންމެ ފަހުން ކޯޗުކޮށްދިނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށެވެ. އެ ކުލަބުގެ ކޯޗުކަމުން އޭނާ ވަކިކުރީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުއެވެ.
ނެދަލަންޑްސްގެ އަޔެކްސްގައިވެސް ރަނގަޅު މަސައްކަތްތަކެއް ކުރި ޓެން ހާގަށް ލެވަކޫސަނުން ޝައުގުވެރިވީ އެ ޓީމުގެ ކޯޗުކަން މި ސީޒަނަށް ފަހު ސްޕެއިންގެ ޒަބީ އަލޮންސޯ ދޫކޮށްލާތީ އެވެ. އޭނާ ހަވާލުވާނީ ކުރީގެ ކުލަބު ރެއާލް މެޑްރިޑާއެވެ.
ޓެން ހާގަށް ލެވަކޫސަންގެ ކޯޗުކަން ދޭނީ ދެ އަހަރުގެ ދުވަހުގެ މުއްދަތަށެވެ. އޭނާއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު މިހާރު އޮތީ ދެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރުން އެކަނި ކަމަށްވެސް ޖަރުމަނުގެ ނޫސްތަކުން ބުނެ އެވެ.
ނަމަވެސް މި ހަފުތާގެ ކުރީކޮޅު މި އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ޖަރުމަނުގެ މީޑިއާތަކުން މިހާރު ވަނީ ބުނަން ފަށާފައެވެ. ޓެން ހާގަށް ކޯޗުކަން ދިނުމުގެ ކުރިން ލެވަކޫސަންއިން އެހެން ބައެއް ކޯޗުންނާ ވެސް މަޝްވަރާ ކުރިއެވެ. އޭގެ ތެރޭގައި އިޓަލީގައި ކޯޗުކޮށްދެމުން އަންނަ ސްޕެއިންގެ ކުރީގެ މިޑްފީލްޑަރު ސެސް ފެބްރިގާސްވެސް ހިމެނެ އެވެ.
ޓެން ހާގުގެ ކޯޗިން ކެރިއަރުގެ އެންމެ އުސްއަލި އަތަކީ ނެދަލަންޑްސްގެ އަޔަކްސްއަށް ޑަޗް ލީގު ތިން ފަހަރު ހޯދައިދިނުމެވެ. އޭގެ ފަހުން ޔުނައިޓެޑަށް އިނގިރޭސި އެފްއޭ ކަޕާއި ލީގު ކަޕުވެސް ހޯދައިދިނެވެ.
އަލޮންސޯ ލެވަކޫސަން ދޫކޮށްލަނީ އެ ޓީމަށް ހުސްވި ސީޒަނުގެ ޖަރުމަނު ލީގު ކާމިޔާބުކޮށްދީފައެވެ. އަދި މި އަހަރު އެ ޓީމުން ލީގު ނިންމާލަނީ ދެ ވަނައިގައެވެ. މިހެންވެ އަންނަ ސީޒަނުގައި ޓެން ހާގަށް ނަތީޖާ ރަނގަޅު ކުރަން މަޖުބޫރުވާނެއެވެ.