ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި "ވޯލްޑް ފުޓްބޯލް ޑޭ" ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
"ވޯލްޑް ފުޓްބޯލް ޑޭ" ގެ ހަރަކާތުގައި ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ހަރަކާތުގައި މާލޭގެ 12 އެކެޑަމީއަކުންނާއި، ސްޕެޝަލް އޮލިމްޕިކްސް އަދި ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމުގެ އިތުރުން ރާއްޖޭގެ ފުޓުބޯޅައިގެ ކުރީގެ ނަން މަޝްހޫރު ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ.
"ވޯލްޑް ފުޓްބޯލް ޑޭ" ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތުގައިވަނީ އެކެޑަމީތަކުގެ ބައިވެރިންނާއެކު ތިން ފުޓުބޯޅަ މެޗުވެސް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމުންވެސް ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައި ހަވީރު ކުރިއަށްދިޔަ ހަރަކާތުގައި ބައިވެރިވެ މެޗެއް ކުޅެފައެވެ. އަދި މިހަރަކާތުގެ ބައިވެރިން ވަނީ ކުޅިވަރު ވަޒީރާއެކު ހަނދާނީ ފޮޓޯއެއްވެސް ނަގާފައެވެ.
މި ހަރަކާތްތައް ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ދިޔައިރު، ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚީ މުހިންމު ބައެއް ތަކެތި އެތަނުގައި ދައްކާލަން ބަހައްޓާފައިހުއްޓެވެ. އޭގެ ތެރޭގައި ރާއްޖޭގެ ގައުމީ ޓީމަށް އެކިދުވަސްވަރުގައި ލިބިފައިހުރި ތަށިތަކާއި، ގައުމީ ޓީމުގެ ކުޅުންތެރިންގެ ޖާޒީތައް ހިމެނެއެވެ. އޭގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބު ފަދަ ކުލަބުތަކުގެ މުހިންމު ކާމިޔާބީތައްވެސް މިހަރަކާތުގެ ތެރެއިންވަނީ ދައްކާލާފައެވެ.
ރާއްޖޭގައި މުޅިން އަލަށް މިދުވަސް ފާހަގަކޮށްފަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިންނެވެ. މާލެ ސިޓީގެ އިތުރުން މި ދުވަސް ފާހަގަކޮށްފައިވަނީ ބ. އޭދަފުއްޓާއި، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ވިދާޅުވީ މިފަދަ އިވެންޓެއް ބޭއްވުމުގެ މަގުސަދަކީ ހުރިހާ އެންމެން އެކުވެ، އެއްތާކުން ފުޓުބޯޅައިގެ އުފާވެރިކަން ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ. މިހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކުރައްވަމުން ކުޅިވަރު ވުޒާރާގެ ނައިބު އިބްރާހިމް ފާއިދު ވިދާޅުވީ އޭދަފުށިން މި ހަރާކާތުގައި ދުއިސައްތައަށްވުރެ ގިނަ އަދަދަކަށް ކުދިން ބައިވެރިވިކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީންވެސް ސަތޭކައަށްވުރެ ގިނަކުދިން ބައިވެރިވެފަވާއިރު، ދެން މި ހަރަކާތް ކުރިއަށްދިޔަ އައްޑޫ ސިޓީއިން މި ހަރަކާތުގައި ހަތަރު ސަތޭކައެއްހާ ކުދިން ބައިވެރިވިކަމަށެވެ.