ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑުން 200 މީހުން ވަޒީފާއިން ކަނޑާލަނީ


މެންޗެސްޓާ ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަޒީފާއިން ކަނޑާލުމުގެ މަސައްކަތް ފަށައިފިއެވެ.

ބީބީސީން ބުނީ ކުލަބުގެ ބައެއް މުވައްޒަފުންނަށް މިހާރު މިކަން އަންގައިފި ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދެން ތިބި މުވައްޒަފުންނަށް ވެސް އެމީހުންގެ ހިދުމަތް ބޭނުންނުވާކަން މަޑުމަޑުން އަންގަމުންދާނެ ކަމަށެވެ.

ޔުނައިޓެޑް ހިންގުމާ މިހާރު ހަވާލުވެގެން އުޅޭ ޖިމް ރަޓްކްލިފޭގެ އިނިއޯސް ގްރޫޕުން މަސައްކަތް ކުރަމުންދަނީ އެކުލަބުގެ ހަރަދުތައް ކުޑަކުރުމަށެވެ. ސަބަބަކީ ކުލަބަށް މާލީ ގޮތުން ގެއްލުން ވަމުންދިއުމެވެ. އިނިއޯސްއިން މީގެ ދޮޅު އަހަރު ކުރިން ހަވާލުވިއިރު ޔުނައިޓެޑްގައި 1100 މުވައްޒަފުން ތިއްބެވެ. ނަމަވެސް ހަރަދު ކުޑަކުރުމުގެ ޕްލޭންގެ ދަށުން ފުރަތަމަ ބުރުގައި 250 މީހުން ވަނީ މަދުކޮށްފަ އެވެ. އަދި ހަރަދު ކުޑަކުރުމަށް ބައެއް އެހެން ފިޔަވަޅުތައް ވެސް ވަނީ އަޅައިފަ އެވެ.

މީގެ ތެރޭގައި ހެނދުނުގެ ނާސްތާ ހިލޭ މުވައްޒަފުންނަށް ނުދޭން ނިންމުން ހިމެނެ އެވެ. އަދި ކުރިން މުވައްޒަފުންނަށް ހިލޭ ދޫކޮށްލާފައިވާ ޕާކިން ޖާގަތަކުން ފީ ނަގަން ފެށުމާއި ކުލަބުން ފެނާއި ކަރަންޓަށް ކުރާ ހޭދަ ވެސް ކުޑަކުރުން ހިމެނެ އެވެ. އެންމެ ފަހުން ތައާރަފް ކުރި ކަމަކީ ކުޅުންތެރިންނަށް ހިލޭ ދޭ އެއާ ޓިކެޓާއި މެޗު ޓިކެޓް ވެސް މަދު ކުރުމެވެ. މި ގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުނު ޔޫރޮޕާ ލީގުގެ މެޗު ބަލަން ކުޅުންތެރިންގެ އާއިލާތަކަށް ދީފައިވަނީ ކޮންމެ ކުޅުންތެރިއަކަށް ދެ ޓިކެޓެވެ. އަދި ކުޅިބަލަން ހިލޭ ވަދެވޭ ޓިކެޓް ވެސް މަދުކޮށްފައިވެ އެވެ. ނަމަވެސް ގަންނަން ބޭނުންނަމަ އެފުރުސަތު ކުޅުންތެރިންނަށް ވަނީ ފަހިކޮށްދީފަ އެވެ.

މީގެ އިތުރުން ލެޖެންޑަރީ ކޯޗު ސާ އެލެކްސް ފާގަސަން ފަދަ ފަރާތްތަކަށް ދީފައިވާ އެމްބެސެޑަރުގެ ރޯލު އުވާލައި އެ ފައިސާ ވަނީ ހިފަހައްޓާފަ އެވެ.

ޔުނައިޓެޑަށް އަންނަ ސީޒަނަކީ ވެސް މާލީ ގޮތުން ދަތި އަހަރަކަށް ވާނެ އެވެ. އެއީ 10 އަހަރު ތެރޭގައި އަނެއްކާ ވެސް ޔޫރަޕުގެ އެއްވެސް މުބާރާތެއްގައި ކުޅެން ފުރުސަތު ނުލިބުމާއެކު ގާތްގަނޑަށް 100 މިލިއަން ޔޫރޯގެ ގެއްލުމެއް ވާނެ ކަމަށް އަންދާޒާ ކުރެވިފައިވުމެވެ.

މީގެ އިތުރުން ޔުނައިޓެޑުން މިހާރު ވަނީ ބައެއް ކުޅުންތެރިން ވެސް ވިއްކާލަން ނިންމާފަ އެވެ. ސަބަބަކީ ނަތީޖާ ދަށްވުމާއި މިހާރު ތިބި ބައެއް ކުޅުންތެރިން ވިއްކާލައިގެން ނޫނީ އައު ކުޅުންތެރިން ޓީމަށް ގެނެވޭނެ މާލީ ޖާގަ ނެތުމެވެ.

ޔުނައިޓެޑްގެ މިހާރުގެ ކޯޗު ރުބެން އަމޮރިމް ބުނެފައިވަނީ ކުލަބުގެ ގިނަ ބައެއްގެ ވަޒީފާ ގެއްލުމުގެ އަސްލަނީ ނަތީޖާތައް ދަށްވުން ކަމަށެވެ. މިހެންވެ މުވައްޒަފުންގެ ވަޒީފާތައް ގެއްލުމުގެ ޒިންމާ ކުޅުންތެރިން ނަގަން ޖެހޭ ކަމަށެވެ. އިނގިރޭސި ޕްރެމިއާ ލީގުގައި މި ސީޒަނުގައި ޔުނައިޓެޑް މިހާރު އޮތީ ވެސް 20 ޓީމުގެ ތެރެއިން 16 ވަނާގަ އެވެ.