ކުޅިވަރު

އިޓަލީގެ ޗެމްޕިއަންކަން ނާޕޮލީއަށް


އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ނާޕޮލީން ހޯދައިފިއެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު މެޗު ކަގްލިއާރީއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން ކާމިޔާކޮށްގެންނެވެ.

މި ނަތީޖާއާއެކު ނާޕޮލީ އަށް ޓޭބަލުގެ އެއްވަނަ ކަށަވަރުވީ ހުސްވި ސީޒަނުގެ ޗެމްޕިއަން އިންޓަ މިލާނަށްވުރެ އެއް ޕޮއިންޓް އިތުރަށް ލިބިގެންނެވެ.

ޖުމުލަ 38 މެޗުން އިންޓަ އަށް ލިބުނީ 81 ޕޮއިންޓެވެ. ނާޕޮލީ އަށް 82 ޕޮއިންޓެވެ. ލީގުގައި މި ދެ ޓީމު ވެސް ކުޅެން ޖެހޭ ފަހު މެޗުން މިރޭ ވަނީ މޮޅުވެފަ އެވެ. އިންޓަ މޮޅުވީ ކޯމޯއާ ވާދަކޮށް 2-0އިންނެވެ. ލަނޑު ޖެހީ ޔަކީން ކޮރެޔާ އާއި ޑިވްރާޖެވެ. ނާޕޮލީ މޮޅުކޮށްދޭން ލަނޑު ޖެހީ ރޮމެލޫ ލުކާކޫ އާއި ސްކޮޓް މެކްޓޮމިނޭ އެވެ.

މިއީ ތިން އަހަރު ތެރޭގައި ނާޕޮލީން އިޓާލިއަން ލީގު ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. މިއާއެކު ކޯޗު އެންޓޯނިއޯ ކޮންޓޭ ވެފައިވަނީ އިޓާލިއަން ލީގު ތަފާތު ތިން ޓީމެއްގައި ހޯދި ފުރަތަމަ ކޯޗަށެވެ. އޭނާ ވަނީ އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނަށް ވެސް މި ތަށި ހޯދައިދީފަ އެވެ.

އިޓާލިއަން ލީގު ގެއްލުމުން މި ސީޒަނުގައި ތައްޓެއް ހޯދުމަށް އިންޓަމިލާނަށް މިހާރޮ އޮތް ފުރުސަތަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގު އެކަންޏެވެ. އެ ޓީމު ވަނީ ބާސެލޯނާ ބަލިކޮށް ފައިނަލަށް ހޮވިފަ އެވެ. ފައިނަލުގައި އަންނަ ހަފުތާގައި އިންޓަ ވާދަކުރަން ޖެހޭނީ ފްރާންސްގެ ޕީއެސްޖީއާ އެވެ.

އިޓާލިއަން ލީގުގެ އެންމެ ފަހު ހަފުތާގެ ބާކީ މެޗުތައް ކުޅޭނީ މިއަދާއި މިރޭއެވެ.