ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވަ" ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" މިރޭ އާންމުންނަށް ހުޅުވާލާނެއެވެ.
މިރޭ 8:30 ގައި މައުރަޒު ހުޅުވާއިރު ޚާއްސަ ރަސްމިއްޔާތަކާއެކު ހަވާ އެރުވުން ކުރިއަށްގެންދާގޮތަށް ވަނީ ނިންމާފައެވެ. އަދި މިރޭ މަޢުރަޒު ކުރިއަށްދާނީ 11 ޖެހުމާހަމައަށެވެ.
މި މަޢުރަޒަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ކުރިއަށްގެންދާ މަޢުރަޒްއެކެވެ. ހުޅުމާލެ ސެންޓްރަލް ޕާކްގައި ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ގެ ނިޔަލަށް ކޮންމެ ދުވަހަކަު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު"ގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 20 މޭ 2024ގައެވެ. މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މައުރަޒެކެވެ. މިހާތަނަށް ރާއްޖޭގައި ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒުގައި ދިވެހިވަންތަ ޡަޤާފީ އުފެއްދުންތެރިކަމުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތައް ފެނިގެންދާނެއެވެ. މި މައުރަޒުގައި ދިވެހީންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލުމުގެ އިތުރުން، ދިވެހި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުންވެސް ފެނިގެންދާނެއެވެ.
އެގޮތުން މި މައުރަޒުގައި، ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމެނޭއިރު މިއިން ކޮންމެ ޑިސްޓްރިކްޓަކީ އެ ދާއިރާއަކާ ގުޅޭ އެކި ޙަރަކާތްތައް ހިމަނައިގެން ވިޔަފާރިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޑިސްޓްރިކްޓް ތަކެއްކަން ފާހަގަކުރެވެއެވެ.
މި ޑިސްޓްރިކްޓުގައި ފެނިގެންދާނީ ދިވެހި އާޓިސްޓުންގެ ހުނަރުތަކެވެ. އެގޮތުން ކުރެހުންތެރިންނާއި މިއުޒީޝަނުންގެ ހުނަރާއި ދިވެހި ސަޤާފަތާއި އާދަކާދަތައްވެސް ފެންނާނެއެވެ.
ދިވެހިންގެ އީޖާދީ ވިސްނުމާއި ތަރައްޤީ މި ޑިސްޓްރިކްޓުން ފެނިގެންދާނެއެވެ. އެގޮތުން ދިވެހި ޑިވެލޮޕަރުންނާއި ދިވެހިންގެ ޓެކްނޮލޮޖިކަލް އުފެއްދުން މި ޑިސްޓްރިކްޓުން ފެނިގެންދާނެއެވެ.
ދިވެހިން މުނިފޫހި ފިލުވުމަށް ކުރަމުން އައި އެކި ކަންކަމާއި ޒަމާނާއެކު އެ ކަންކަމަށް އައި ބަދަލު އަދި މުނިފޫހި ފިލުވުމާ ގުޅޭ އެކި ޙަރަކާތްތައް ފެންނާނެއެވެ. ބައެއް ޙަރަކާތްތައް ލައިވް ކޮށްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މިއީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ޑިސްޓްރިކްޓްއެވެ. މިއީ ދިވެހިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް ޚާއްޞަ ޑިސްޓްރިކްޓްއެވެ. މި ޑިސްޓްރިކްޓުގައި، ދިވެހިންގެ އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް މާކެޓްކޮށް ވިއްކުމަށްޓަކައި ބޭނުންވާ ބީޓުބީ މާހައުލެއް ޤާއިމް ކޮށްފައިވެއެވެ. މިއީ ވިޔަފާރިތަކަށް ވަރަށް މުހިންމު ޑިސްޓްރިކްޓަކަށްވެސް ވާނެއެވެ.
މި މައުރަޒުގައި، ދިވެހިންގެ އިހުގެ އުފެއްދުންތެރިކަމާއި އެންމެ ޒަމާނީ އުފެއްދުންތައް ވެސް ފެނިގެންދާއިރު ޒުވާން ފަންނުވެރިންގެ ހުނަރާއި މަސައްކަތް ފެނިގެންދާ މި މައުރަޒުގައި ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމް ކުރުމަށް ކުރެވެމުންދާ މަސައްކަތުގައި ޒުވާނުންނާއި އެކު އުމުރުފުރާތަކުގެ މީހުންގެ ބައިވެރިވުން ފެނިގެންދާނެއެވެ.
މި މައުރަޒުގައި ރާއްޖޭގައި އުފައްދާ އެކި ބާވަތްތަކާއި، ރާއްޖޭގައި އުފައްދާ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ބައެއް ތަކެއްޗާއި އެކްސްޕޯޓުކުރެވޭނެ ބައެއް ތަކެތިވެސް ފެންނަން ހުންނާނެއެވެ.