ޚަބަރު

ފްލެޓު ލިސްޓަށް ހުށަހެޅުނު ޝަކުވާތައް މިމަހުގެ ނިޔަލަށް ބަލައި ނިންމަނީ


  • ޝަކުވާ ހުށަހެޅުމަށް ދޮޅު މަހުގެ މުއްދަތެއް ދިން

  • 8000އަށްވުރެ ގިނަ ޝަކުވާ ހުށައެޅި

ގެދޮރުވެރިޔާ ސްކީމްގެ 4000 ޔުނިޓް ލިބޭ މީހުންގެ ލިސްޓާ ގުޅިގެން ހުށަހެޅި ޝަކުވާތައް، މިމަހުގެ ނިޔަލަށް ބަލައި ނިންމަށް މަސައްކަތް ކުރަމުންދާކަމަށް އިމާރާތްކުރުމާ ގެދޮރިވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ޝަކުވާ ހުށައެޅުމުގެ މުއްދަތު ހަމަވެފައިވަނީ މިދޔަ އޭޕްރިލް މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ.

4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އަލުން ބަލަން ނިންމާފައިވަނީ، އާއްމުންގެ ގިނަ ޝަކުވާތަކެއް ހުރި މައްސަލައަކަށްވުމާއި އަދި ފްލެޓް ލިބުނު މީހުންގެ ތެރޭގައި ޝަރުތު ހަމަނުވާ ގިނަ ބަޔަކު ހިމެނޭކަމަށް އެންޓި ކޮރަޕްޝަން ކޮމިށަނުގެ ތަޙުޤީހުން ހާމަވުމާ ގުޅިގެންނެވެ.

އެ މަސައްކަތަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާ ބެލިބެލިވުން، އެސްކީމުން ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 4000 މީހުންގެ ތެރެއިން 2180 މީހުން ޝަރުތު ހަމަނުވާކަމަށް ކޮމިޓީގެ ނިންމުންތަކަށް ބެލުމަށްފަހު، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފަވެއެވެ.

އެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދިން ދޮޅު މަހުގެ މުއްދަތު އޭޕްރިލްމަހުގެ 15ވަނަ ދުވަހު ހަމަވިއިރު 8602 ޝަކުވާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް ހުށަހަޅާފައިވެއެވެ.

އެވުޒާރާއިން ވިދާޅުވީ ހުށަހެޅި ޝަކުވާތަކުގައި ހިމެނޭ ކަންކަން ބަލަމުންދާކަމަށެވެ. މި މައްސައްކަތް ބާރަށް ކުރިއަށްދާކަމަށާއި، މަސައްކަތް ކުރަމުންދަނީ މި މަސް ނިމުމުގެ ކުރިން ހުރިހާ ޝަކުވާތައް ބަލާ ނިންމުމަށްކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ލިސްޓަށް ޝަކުވާގެ ގޮތުގައި ޕޯޓަލް މެދުވެރިކޮށް 5236 ޝަކުވާ ހުށައަޅާފައިވެއެވެ. އީމެއިލް މެދުވެރިކޮށް 2840 ޝަކުވާ ހުށައަޅާފައިވާއިރު، ސިޓީ މެދުވެރިކޮށް 526 ޝަކުވާ ލިބިފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިފަހަރު ފުރުޞަތު ހުޅުވާލިއިރު، އިތުރު ލިޔެކިޔުންތައް ހިމެނުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. ފުރުޞަތު ދިނީ، އެމީހަކު ހިމަނަން ބޭނުންވާ މަޢުލޫމާތުތައް ލިޔެ، ހުށައެޅުމަށެވެ. ލިސްޓްގެ މައްސަލަ ބެލުމުގައި ވުޒާރާއިން ބަލާފައިވަނީ 4000 ފްލެޓް ލިބޭނެކަމަށް ކުރީގެ ސަރުކާރުން 15 ނޮވެމްބަރު 2023ގައި ގެޒެޓުކުރި ލިސްޓަށެވެ.