ރާއްޖޭގެ ފުޓްބޯޅައިގެ ތަޖްރިބާކާރުން ދާދިފަހުން ބާސެލޯނާގައި ހެދި ތަމްރީނުތަކަކީ އޭނާގެ ކޯޗިން ކެރިއާ ކުރެއެރުވުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، ރާއްޖޭގެ ފުޓްބޯޅައަށް އޭގެ ސަބަބުން ހެޔޮ އަސަރު ކުރާނެ ކަމަށް ޤަބޫލުކުރާ ކަމަށް ސޮބާހް މުހައްމަދު (ސޮބާ) ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ސޮބާ ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ތަޖްރިބާކާރު މޮޅެތި ކޯޗުން ކިޔަވައިދިން އެ ތަމްރީން ޕްރޮގްރާމުގެ ތަޖްރިބާ ހިއްސާކޮށްފައެވެ. އޭނާ ބުނީ މިއީ އަމިއްލައަށް ކޯޗިން ކެރިއާ ބިލްޑްކުރުމަށް ހޯދި ފުރުސަތެއް ކަމަށާއި، އަދިވެސް މީހާ ޑިވެލޮޕްވާން ބޭނުމިއްޔާ ކޯޗިން އެޑިއުކޭޝަން ހާސިލް ކުރަންޖެހޭކަމަށެވެ.
"ދެން އަޅުގަނޑުގެ ޕާސަނަލް އަމިއްލަ ކެރިއާ އިތުރަށް ބިލްޑް ކުރަން އަޅުގަނޑު ހަމަ ކުރިންވެސް އެ މަސައްކަތް ކުރިން. އަޅުގަނޑު ޤަބޫލުކުރަނީި އަދިވެސް އިތުރަށް މީހާ ޑިވެލޮޕްވާން ބޭނުމިއްޔާ ކޯޗިން އެޑިއުކޭޝަން އެބަ ހާސިލް ކުރަންޖެހޭ. އޭ އަޅުގަނޑު ވަރަށް ޤަބޫލުކުރާކަމެއް" ކަމަށް ސޮބާ ބުންޏެވެ.
ބާސެލޯނާގެ ތަމްރީނު ޕްރޮގްރާމަކީ ކުރު ތަމްރީނު ޕްރޮގްރާމެއް ނަމަވެސް ދަސްވީ ވަރަށް ރަނގަޅު ފިލާވަޅުތަކެއް ކަމަށް ސޮބާހް ބުންޏެވެ. އަދި އެ ޕްރޮގްރާމުން ދަސްވި ކަންކަން އޭނާ ގެންގުޅޭ ޓީމަކާ ހިއްސާކޮށްފިނަމަ ފުޓްބޯޅައިގެ ގިނަކަންތައްތަކެއް ރަނގަޅު ކުރެވޭނެ ކަމަށް ސޮބާ ބުންޏެވެ.
"އަޅުގަނޑަށް މިފަހަރުވެސް ލިބިގެން ދިޔަ ވަރަށް ރަނގަޅު ފިލާވަޅުތަކެއް. ކުރިޔަށް އޮތްތަނުގައި އަޅުގަނޑު ގެންގުޅޭނެ ޓީމަކަށް ހަމަ އަޅުގަނޑު އޭތި ޝެއާކޮށްފިކަމަށްވަންޏާމު ގިނަ ކަންތައްތަކެއް ހަމަ ފުޓްބޯޅައިގައި ރަނގަޅު ކުރެވޭނެ ކަމަށް ޤަބޫލުކުރަނީ" ސޮބާ ބުންޏެވެ.
ބާސެލޯނާގައި ފުރިހަމަ ކުރެވުނު ތަމްރީނު ޕްރޮގްރާމަކީ ވަރަށް ރަނގަޅު ތަޖުރިބާއެއްކަމަށާއި، މިފަދަ ތްމަރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެ ފުޓްބޯޅައިން އަދިވެސް އިތުރަށް އަމިއްލަ މީހާ ތަރައްގީވާން ބޭނުންވާ ކަމަށް ސޮބާ ފާހަގަކުރިއެވެ.
"މިއީ 10 ވަރަކަށް ދުވަހުގެ ޓްރޭނިންއެއް. ތަންކޮޅެއް ކުރު ކޮށްލާފަ ރިފްރެޝާ ގޮތަށް ކުރިޔަށް ގެންދިޔައީ. ވަރަށް މޮޅެތި ކޯޗުން ކިޔަވައިދިން. ވަރަށް ރަނގަޅު ތަޖްރިބާއެއް" ކަމަށް ސޮބާ ބުންޏެވެ.
ސޮބާއަކީ ދިވެހިންގެ މެދުގައި ފުޓްބޯޅައިގެ ފޯރި އޮތް ޒަމާނުގައި ރާއްޖޭގެ ޤައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ކުޅުން ހުއްޓާލުމަށްފަހު 2015 ގައި އޭނާ ކޯޗިން ކެރިއާ ފެށީ ރައްޖޭގެ އޭރުގެ ފުރަތަމަ ޑިވިޝަނުގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއެކުގައެވެ. އަދި އޭގެފަހުން ކުލަބު ވެލެންސިއާ އާއި ކުލަބު ގްރީން ސްޓްރީޓްސްއަށް އޭނާ ކޯޗުކޮށްދިނެވެ.
ފުޓްބޯޅައިގެ ހާލަތު ދަށްވެ އެފްއޭއެމްގެ ހިންގުން ބޮއްސުންލައިގެން ސިޔަ އިރުވެސް ފުޓްބޯޅައިގެ ދިފާއުފައި ސޮބާ ވަނީ އަޑު އުފުލާފައެވެ. އަދި ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމްތަކުގައި އެކި ކުލަބުތަކަށް އެހީތެރިކަން ފރުކޮށްދީފައިވާއިރު ސޮބާ ވަނީ ވެލެންސިއާގެ ސާދަ އަހަރުން ދަށުގެ ޓީމަށްވެސް ކޯޗު ކޮށްދީ ޔޫތު ލީގު ޗެމްޕިއަންކަންވެސް އެޓީމަށް ހޯދައިދީފައެވެ.
މިހާރު އޭނާ އަންނަނީ ލީގު ކަޕްގައި ރާއްޖޭގެ ކުރީގެ އެއްނަމްބަރު ކުލަބު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަލުން ކުރީގެ މަގާމަށް ގެންގޮސްދިނުމަށެވެ. އެގޮތުން އެއްވަނަ ޑިވިޝަނަށް ނިއު ގެނެސްދިއުމަށް ސޮބާގެ ތަޖުރިބާ ވަރަށް މުހިންމެވެ.