ޚަބަރު

އިންލައިން ސްކޭޓް ސީރީޒް ދޭއްގައި ބައިވެރިވާ ރާއްޖޭގެ ސްކޭޓް ޓީމު ފުރައިފި


މި މަހުގެ 23 އިން 25 އަށް އިންޑޮނޭޝިއާގައި ބާއްވާ އިންލައިން ސްކޭޓް ސީރީޒް ދޭއްގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ސްކޭޓް ޓީމު ފުރައިފިއެވެ.

މިއީ ރާއްޖޭގެ ސްކޭޓަރުން ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ރާއްޖޭން 19 އެތުލީޓުން ވާދަކުރާއިރު، މި މުބާރާތުގައި ރާއްޖޭން ބައިވެރިވެރިވަނީ 9 އަހަރުން ދަށުގެ އުމުރުފުރާގެ ކެޓަގަރީއާއި 14 އަހަރުން ދަށުގެ އުމުރުފުރާ އާއި 14 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާގެ ކެޓަގަރީގައެވެ.

މި މުބާރާތަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ސްކޭޓް މޯލްޑިވްސްގެ ރައީސް މުހަންމަދު ހާނިމް ވިދާޅުވީ މި މުބާރާތަށް މިދަނީ ކާމިޔާބީތަކެއް ހޯދައިގެން އެނބުރި އައުމުގެ އުންމީދުގައި ކަމަށެވެ.

"ވެވުނު ތައްޔާރީއެއް ވެގެން މިދަނީ. އުންމީދަކީ ކާމިޔާބީތަކެއް ހޯދައިގެން އައުން. ރާއްޖޭގެ ސްކޭޓަރުންގެ ހުނަރާއި ދޭތެރޭ އެއްވެސް ޝައްކެއް ނުކުރަން. ދެން 7 ގައުމުން މި މުބާރާތުގައި ވާދަކުރާއިރު އެ ގައުމުތަކުގެ ސްކޭޓަރުންގެ ފެންވަރެއް ވަޒަން ކުރެވިފައެއް ނެތް" ކަމަށް ހާނިމް ބުންޏެވެ.

އެހެންނަމަވެސް ރާއްޖޭގެ ސްކޭޓަރުންގެ ޓައިމިންއަށް ބަލާއިރު ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރުމުގެ ގާބިލްކަން ހުރި ބައިވަރު ކުދިން އެބަތިބިކަމަށް ހާނިމް ބުންޏެވެ.

އަދި މި މުބާރާތަށް ރާއްޖޭގެ ޤައުމީ ޓީމުން މިދަނީ ކުޅިވަރު ވުޒާރާގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަން ލިބިގެންކަމަށްވެސް ހާނިމް ފާހަގަކުރިއެވެ. ހާނިމް ބުނީ އެހެންކަމުން ކުޅިވަރު ވަޒީރު އަބުދުﷲ ރާފިޢުއާއި ސްޕޮންސަރުންގެ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.