ކުޅިވަރު

ބާސެލޯނާގެ 10 ނަންބަރު ލަމީން ޔަމާލަށް


އަންނަ ސީޒަނުގައި ބާސެލޯނާގެ 10 ނަންބަރު ޖާޒީ ލަމީން ޔަމާލަށް ދޭން އެކުލަބުން ނިންމައިފި އެވެ.

ބާސެލޯނާގެ ތާރީހުގައި ފެނުނު އެންމެ މޮޅު ކުޅުންތެރިޔާ އަދި އަދި ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެ ކުލަބުގައި ބޭނުންކުރި 10 ނަންބަރު ޖާޒީ މިހާރު ލަމުންދަނީ އަންސޫ ފަޓީ އެވެ. މެސީ އަށް ފަހު ފަޓީ އަށް 10 ނަންބަރު ދިނީ އޭނާ މޮޅަށް ކުޅެފާނެ ކަމަށް ބަލައިފަ އެވެ. ނަމަވެސް ތިން ސީޒަނަށް ފަހު ފަޓީ ވިއްކާލަން މިހާރު ބާސެލޯނާއިން ވަނީ ނިންމާފަ އެވެ. އޭނާ އަށް ޓީމުގައި މި ސީޒަނުގައި ވެސް ކުޅެން ލިބުނީ އެންމެ ދެ ތިން މެޗެވެ.

މިއާ ހިލާފަށް މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ 17 އަހަރު ޔަމާލް ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. ހުސްވި އަހަރު ސްޕޭނަށް ޔޫރޯ ކާމިޔާބުކޮށްދިން ޔަމާލް ވަނީ މި ސީޒަނުގައި ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިއާއެކު މި ސީޒަނުގެ ބެލޮންޑީއޯ އެވޯޑަށް ވާދަކުރާނެ އެއް ކުޅުންތެރިއަކީ ވެސް އޭނާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ބާސެލޯނާގެ 10 ނަންބަރަކީ ދުނިޔޭގެ ގިނަ ތަރިން އެ ކުލަބުގައި ބޭނުންކުރި ޖާޒީ ނަންބަރެކެވެ. މި ގޮތުން އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާ އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ބްރެޒިލްގެ ކުރީގެ ތަރިން ކަމަށްވާ ރޮމާރިއޯ އާއި ރިވާލްޑޯ އަދި ރޮނާލްޑީނިއޯ އާއި ޕޯޗުގަލްގެ ކުރީގެ ތަރި ޔޫސޭބިއޯ ފަދަ ކުޅުންތެރިން ހިމެނެ އެވެ.

10 ނަންބަރު ލިބުމުން ޔަމާލް ބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއަކީ މެސީ ކަމަށާއި އޭނާ އާއި މެސީ އަކީ ވަރަށް ތަފާތު ދެ ކުޅުންތެރިން ކަމަށެވެ. އަދި ބޭނުންވަނީ މެސީ ފަދައިން ބާސެލޯނާ އަށް ކާމިޔާބު ހޯދައިދޭން ކަމަށެވެ.