މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީގެ އައު އެޕްލިކޭޝަނާއެކު ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ. މަތީން މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އެމްޑަބްލިޔުއެސްސީގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، ކުންފުނި ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު ސްމާރޓް މީޓަރ 10،000 ފަރާތަކަށް ހަރުކޮށްދީފައިވާކަމަށެވެ. މީގެތެރެއިން 7000 މީޓަރު ބޭނުންކުރަމުން އަންނަކަން މަތީން ފާހަގަކުރެއްވިއެވެ.
މަތީން ވިދާޅުވީ، ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ކުންފުނިން އެންމެ އަވަހަށް ކުރާނެ ކަމަކީ އެ ކުންފުނިން ގެންގުޅޭ އެޕް ބަދަލުތަކަކާއެކު އިފްތިތާހްކުރުންކަމަށެވެ. މިއެޕްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ކުރިއަށްއޮތް 2 ހަފްތާ ތެރޭގައި އިފްތިތާހްކުރެވޭނެކަމަށް މަތީން ވިދާޅުވިއެވެ.
އައު އެޕާއެކު ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެޕް މިހާރު ޑިޒައިންކޮށްފައިވަނީ ޑިޖިޓަލް މީޓަރާވެސް ގުޅުވާފައިކަމަށް ވިދާޅުވިއެވެ. ޑިޖިޓަލް މީޓަރު ހަރުކޮށްފައިވާ ކަސްޓަމަރުންނަށް ފެން ލީކެއް ހުރެގެން ކުއްލިއަކަށް ބިލް ބޮޑުވާ ހާލަތެއް މެދުވެރިވާނަމަ އެކަމުގެ މެސެޖްވެސް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައު އެޕްލިކޭޝަނާއެކު މެނުއަލީ ގޭބީސީތަކަށް ނުގޮސްވެސް ފެން ބިލް އަލުން ގުޅާލަދެވޭނެކަމަށް މަތީން ވިދާޅުވިއެވެ.
"ފެންވެސް ކުރިއަށް އޮތްތަނުގައި ބިލް ޕޭކުރުމާއި އެކީގައި ހަމަ ރިކަނެކްޓް ވެވޭވަރަށް އަޅުގަނޑުމެން ތަރައްޤީކުރާނަން. އެ މަސައްކަތް ފެށިފައި ހުރީ. މިދެންނެވި 10،000 ކަސްޓަމަރުންނަށް މިހާރު ހުރީ ސްމާރޓް މީޓަރ ހަރުކޮށްފައި. ސްމާރޓް މީޓަރުގެ އެފަންގްޝަންތައް އަޅުގަނޑުމެން ބޭނުންކުރަން ފަށާނަން މިދެންނެވި އައު އެޕް ލޯންޗްކުރުމާއި އެކީގައި. އެޕް ލޯންޗްކުރުން ކުރިއަށްއޮތް 2 ހަފްތާއެއްގެ ތެރޭގައި ކުރިއަށްގެންދާނަން." މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ މިހާރު އަންނަ ޝަކުވާއަކީ ބިލްތައް ވަކިވަކިން ދައްކަންޖެހޭ މައްސަލަކަމަށެވެ. އައު އެޕާއިއެކު ކަސްޓަމަރުންނަށް ގިނަ ބިލްތައް އެއްފަހަރާ ދައްކާލެވި ވަގުތު ސަލާމަތްވާނެކަމަށެވެ. މީގެ އިތުރުން އެކައުންޓް ސްޓޭޓްމަންޓް ބަލާލުމާއި، އީފާސް މެދުވެރިކޮށް ލޮގިން ކުރެވޭގޮތަށް އައު އެޕްގައި ހިމަނާފައިވާނެކަމަށް ވިދާޅުވިއެވެ. ސްމާރޓް މީޓަރ ހަރުކޮށްފައިވާ ފަރާތްތަކަށް އެޕް މެދުވެރިކޮށް ރީޑިންތައް ބަލާލެވޭއިރު ބިލްގެ ފޯކާސްޓް ހަދާލެވޭނެކަމަށްވެސް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ މަތީން ވިދާޅުވިއެވެ.