ކުޅިވަރު

އެއްވެސް މީހަކު އަހަރެންނަށް އަޅާނުލާނެ: ޑި ބްރޭނާ


އެއްބަސްވުމެއް ނެތި ކުޅެނިކޮށް އަނިޔާވެއްޖެނަމަ އެކަކުވެސް އޭނާއަށް އަޅާނުލާނެ ކަމަށާއި، އެހެންވެ އެންމެ ގާތީ އަންނަ މަހު ފަށާ ފީފާ ކުލަބު ވޯލްޑް ކަޕުގައި ނުކުޅުން ކަމަށް ކެވިން ޑި ބްރޭނާ ބުނެފިއެވެ.

މެންޗެސްޓާ ސިޓީގެ ކެޕްޓަން މިހެން ބުނީ އަންނަ މަހު ފަށާ ކުލަބު ވޯލްޑް ކަޕް ފަށާއިރު އޭނާ އާއި ސިޓީއާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން މަދު ދުވަސްކޮޅެއް އޮތުމުންނެވެ. ކޮންޓްރެކްޓް ހަމަވާނީ ޖޫން މަހުގެ 30 އަށެވެ. އެއީ މުބާރާތުގެ މެދުތެރެ އެވެ. އަނެއްކޮޅުން އުމުރުން 33 އަހަރުގެ ޑި ބްރޭނާ ހުރީ މި ސީޒަނަށް ފަހު ސިޓީ ދޫކޮށްލާ ގޮތަކަށެވެ. އެއީ އޭނާގެ ކޮންޓްރެކްޓް އާނުކުރަން ކުލަބުން ވެސް ނިންމާފައިވާތީ އެވެ.

"އޭރު އަހަރެން ކޮންޓްރެކްޓެއް ނެތި ކުޅެނިކޮށް އަނިޔާއެއް ވެއްޖެނަމަ އެކަކު ވެސް އަޅާނުލާނެ. ހުންނާނީ އަހަރެން އެކަނި. މިހެންވީމާ އަހަރެން ވަރަށް ވިސްނަންޖެހޭ ކަމެއް މިއީ. ބޮޑަށް ގާތީ އަހަރެން އެ މުބާރާތުގައި ނުކުޅުން،" ޑި ބްރޭނާ ބުންޏެވެ.

ކޯޗު ޕެޕް ގާޑިއޯލާގެ ނަޒަރުގައި ޑި ބްރޭނާ އަކީ ސިޓީގެ ހަޔާތުގައި ވެސް ފެނުނު އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިޔާ އެވެ. ނަމަވެސް 10 އަހަރަށް ފަހު ކެޕްޓަން ކުލަބު ދޫކޮށްލާއިރު ހުރީ ހިތްހަމަނުޖެހިފަ އެވެ. ޑި ބްރޭނާ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި އޭނާ އަކީ އަދިވެސް އެންމެ މަތީ ފަންތީގައި ކުޅެވިދާނެ ކުޅުންތެރިއެކެވެ. އަދި ސިޓީން އޭނާގެ ކޮންޓްރެކްޓް އާ ނުކުރުމުން ހައިރާންވާ ކަމަށެވެ.

އޭނާ އަދި ބުނީ މިވަގުތު ބޭނުންވަނީ ސިޓީ އަށް އިނގިރޭސި ޕްރެމިއާ ލީގުގައި ބާކީ އޮތް ދެ މެޗު ކުޅެދިނުން ކަމަށެވެ.

"ގޮތެއް ނިންމުމުގެ ކުރިން އަހަރެން ވިސްނާނަން. މިއީ ފަސޭހަ ކަމެއްނޫން. އަހަރެން އަހަރެންގެ އާއިލާއާ މެދު ވެސް ވިސްނަންޖެހޭ. އަންބަކާއި ތިން ކުދިން އެބަތިބި. މިވަގުތު ގޮތެއް ނިންމުމަކީ ފަސޭހަކަމެއްނޫން،" ޑި ބްރޭނާ ބުންޏެވެ.

އޭނާ ވަނީ ސިޓީން ޖާގަ ނުލިބުނު ނަމަވެސް އަންނަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކަށް ކުޅުމުގެ ފުރުސަތު އޮތް ކަމަށް ބުނެފަ އެވެ. އިނގިރޭސި ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ޑި ބްރޭނާ ލައްވައި ކުޅުވަން ސިޓީއާ އެންމެ ވާދަވެރި އަދި މި ސީޒަނުގެ ޕްރެމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލުން ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން އިޓަލީގެ ނާޕޮލީވެސް އޭނާ ލައްވައި ކުޅުވަން މަސައްކަތް ކުރާ ކަމަށްވެ އެވެ.