ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ކާލޯ އަންޗެލޮޓީ ހަވާލުވުމުގެ ކުރިން ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިންތިޚާބު ބާއްވަން ނިންމައިފިއެވެ.
މި ގޮތުން ވަގުތީ ރައީސް ފެރާންންޑޯ ސަރްނޭ ވިދާޅުވީ މި މަހުގެ 25 ވަނަ ދުވަހު އިންތިހާބު ބާއްވާނެ ކަމަށެވެ. މިއީ އިކުއެޑޯ އާއި ޕްރެގުއޭއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެން އަންޗެލޮޓީ ބްރެޒިލްގެ ގައުމީ ޓީމުގެ ސްކޮޑް އިއުލާނު ކުރުމަށް ހަމަޖެހިފައިވާ މުއްދަތަށްވުރެ އެއް އަހަފުތާ ކުރި އެވެ.
ސަންރޭ ވިދާޅުވީ އަންޗެލޮޓީއާއެކު ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ހަދާފައިވާ ކޮންޓްރެކްޓް ބާތިލް ނުކުރާނެ ކަމަށެވެ. އަދި މަގާމުން ވަކިކުރި ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް ހުރެގެން ހެދި މި އެއްބަސްވުމަކީ މިނިވަން ކޮމިޓީ އަކުން ބެލުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މިދިޔަ މާޗު މަހު ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްކަން އެޑްނާލްޑޯ ކާމިޔާބުކުރީ ބޮޑެތި އޮޅުވާލުންތަކުގެ ތެރެއިންނެވެ. އޭނާ އިންތިހާބު ބޭއްވީ ވެސް ދައުރު ހަމަވުމުގެ އެއް އަހަރު ކުރިންނެވެ. އެޑްނާލްޑޯ އަށް އެންމެ ބޮޑަށް ފާޑުކިޔައި ހެދީ އިންތިހާބުގައި އޭނާއާ ވާދަކުރަން މަސައްކަތްކޮށް ތާއީދު ނުލިބުނު ކުރީގެ އެއްވަނަ ފޯވަޑް ރޮނާލްޑޯ އެވެ.
ކުރިއަށް އޮތް އިންތިހާބުގައި ރޮނާލްޑޯ ވާދަކުރާނެކަން ޔަގީނެއްނޫނެވެ. މިހާތަނަށް މި އިންތިހާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ސައުޕޯލޯ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައިސް ރެއިނާލްޑޯ ކަރްނެއިރޯ އެވެ. ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނަށް ރައީސާއެކު ނައިބް ރައީސުންގެ ގޮތުގައި އަށް މީހަކު ވެސް އިންތިހާބު ކުރާނެ އެވެ.