ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ކުވޭތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅަކީ ކުވޭތުގެ ފޮރިން މިނިސްޓަރ އަބްދުﷲ އަލީ އަލް ޔަހްޔާގެ ދައުވަތަކަށް މިމަހުގެ 12 އިން 15 އަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ކުވޭތާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ކުވޭތުގެ ބޮޑުވަޒީރުގެ މަޤާމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޝެއިޚް ފަޙަދު ޔޫސުފު ސަޢުދު އަލް ސަބާގެ އަރިހަށް ވަނީ އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތަކަށް ކުވެއިތު ސަރުކާރުން ފޯރުކޮށްދެއްވަމުންގެންދަވާ އެހީތެރިކަމަށް ކުވޭތުގެ އިސްފަރާތްތަކާއި، ސަރުކާރުގެ އިސްވެރިންނަށް ޚާރިޖީ ވަޒީރު ޑރ. ޚަލީލް ޝުކުރުއަދާކުރެއްވިއެވެ. ޚާއްސަގޮތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ކުވޭތުގެ ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަމާއި، ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަ ކުރުމަށް ދެއްވާ އެހީތެރިކަން ޚާރިޖީ ވަޒީރު ފާހަގަކޮށްލެއްވިއެވެ.
ކުވޭތުގެ އެކްޓިންގ ޕްރައިމް މިނިސްޓަރ ފަޙަދު ޔޫސުފު ސަޢުދު އަލް ސަބާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ކުވޭތާ ދެ ޤައުމުގެ ދެމެދު އުފެދިފައިވާ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މިގުޅުން އިތުރަށް ބަދަހި ކުރުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.
މި ދަތުރުފުޅުގައި ހާރިޖީ ވަޒީރުގެ އަރިހުގައި ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާއާއި ޕޮލިޓިކަލް ޑިރެކްޓަރ ފާތިމަތު ނަޝާ އިސްމާއިލް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.