ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް މޫސާ ރިޟްވާން މިއަދު ޢައްޔަންކުރައްވައިފިއެވެ.
މޫސާ ރިޟްވާން މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް މޫސާ ރިޟްވާން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
މޫސާ ރިޟްވާން ވަނީ 2016ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލަރސް ޙާޞިލްކުރައްވާފައެވެ. މޫސާ ރިޟްވާން މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2009ވަނަ އަހަރުން ފެށިގެން ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެން މުޅި ރާއްޖޭގައި ހިންގި ފެންނާރު މަޝްރޫޢާއި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެޒިލިއެންސް ޕްރޮޖެކްޓް، އަދި، ސްޓްރެންތެނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް (އެލް.ސީ.އީ.އައި) މަޝްރޫޢުގައި ޢަމަލީ ދައުރެއް ރިޟުވާން ވަނީ އަދާކުރައްވާފައެވެ.