ޚަބަރު

ޢުމްރާއަށް މީހުން ގެންދިއުމުގެ އުޞޫލާ ޚިލާފުވުމުން އަސްކޮއި ގްރޫޕަށް ފިޔަވަޅު އަޅައިފި


  • އެގްރޫޕްވަނީ 130،000 ރުފިޔާއިން ޖޫރިމަނާކޮށްފައި

  • ދުރާލާ ފައިސާ ނަގާފައިވާ 9 މީހެއްގެ ފައިސާ އަނބުރާ ޙަވާލުކުރުމަށްވެސްވަނީ އަންގާފައި

ޢުމްރާއަށް މީހުން ގެންދިޔުމާއި ބެހޭ އުސޫލާއި، ޢުމްރާއަށް މީހުން ގެންދިޔުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވާތީ، އަސްކޮއި ޓްރެވެލް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ފިޔަވަޅު އަޅައިފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ޢުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާއި، ޢުމްރާއަށް މީހުން ގެންދިޔުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފުވެފައިވާތީ، އަސްކޮއި ޓްރެވެލް ސަރވިސް ޕްރައިވެޓް ލިމިޓެޑު، 130،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި އެފައިސާ ދެއްކުމަށް އެވުޒާރާއިން އަންގާތާ، އެއް މަސް ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރުމަށް އެކުންފުންޏަށް ވަނީ އަންގާފައެވެ. މީގެއިތުރުން މިއަހަރުގެ ރަމަޟާން މަހުގެ ޢުމްރާއަށް ދުރާލާ ފައިސާ ދައްކާފައިވާ 9 މީހެއްގެ ރީފަންޑު ފައިސާ އަނބުރާ އެފަރާތަށް ޙަވާލުކުރުމަށްވެސްވަނީ އަންގާފައެވެ.

މިއަހަރު ރަމަޟާން މަހު ޢުމްރާއަށް ގެންދިޔުމަށް މީހުން އަތުން ފައިސާ ނެގުމަށްފަހު ޢުމްރާއަށް ދެވެން ނެތްކަމަށްބުނެ، ފައިސާ ދެއްކި ފަރާތްތަކަށް އެކުންފުނިން އަންގާފައިވަނީ ރަމަޟާން މަހުގެ 6 ވަނަ ދުވަހުގައިކަމަށް އޭރު ބައެއް ފަރާތްތަކުންވަނީ ބުނެފައެވެ. މިގޮތުން ދައްކާފައިވާ ފައިސާ އަނބުރާ ދިނުމަށް އެދުމުން އެފައިސާ ދީފައިނުވާކަމުގެ ކަންބޮޑުވުންވެސް ބައެއް ފަރާތްތަކުންވަނީ އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައެވެ.

މިމައްސަލައާއި ގުޅިގެން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވަނީ، ޢުމްރާއަށް ގެންދިޔުމަށް ފައިސާ ނެގުމަށްފަހު އިހުމާލުވާ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

ޢުމްރާއަށް މީހުން ގެންދިއުމުގައި ގަވާއިދާ ޚިލާފުވާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އެގޮތުން، ދާދިފަހުން މަޝްއަރު ޓުއަރސްއިން ޢުމްރާއަށް ގެންދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައެއްވެސް ފެންމަތިވިއެވެ. މި މައްސަލަ ބަލައި، އެ ކުންފުންޏާމެދު ވަނީ ފިޔަވަޅު އަޅާފައެވެ. އަދި އެ ކުންފުންޏާ ދެކޮޅަށް ދަޢުވާކުރުމަށްވެސްވަނީ ފޮނުވާފައެވެ.

ޢުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރަންޖެހޭ އުސޫލުގައިވާގޮތުން ކުންފުނިތަކުން ޢުމްރާއަށް ދާން ފައިސާ ދައްކާ މީހުންނަށް ވައިގެ މަގުން ދެކޮޅު ޓިކެޓާއި އުމްރާއަށް ގޮސްތިބޭ ދުވަސްވަރު އެ ކުންފުންޏެއްގެ ޢުމްރާ ޕެކޭޖުގައިވާ ގޮތުގެ މަތީން ހުރުމާއި ކެއިންބުއިމާއި އެއްގަމުގެ ދަތުރުތައް ހަމަޖައްސައިދޭންޖެހޭނެއެވެ. އަދި މިގަވާއިދާ ޚިލާފުވާ ފަތާތްތަކާއިމެދު ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރުމުގެ އިޚޤތިޔާރު ވުޒާރާއަށް ލިބިގެންވެއެވެ. އެގޮތުން، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި 1000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ކުންފުނި ޖޫރިމަނާކުރެވޭނެއެވެ. އަދި ހުއްދަ ނެތި ޢުމްރާއަށް މީހުން ގެންދާނަމަ ނުވަތަ ގެންދަން ފައިސާ ނަގައިފިނަމަ 100،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.