ކުޅިވަރު

ވާޓްސް ގެންދިއުމަށް ބަޔާން، ސިޓީ، ރެއާލް އަދި ލިވަޕޫލް ވާދަކުރަނީ


ބަޔާ ލެވަކޫސެންގެ އެޓޭކިން މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް ގެންދިއުުމަށް ޖަރުމަނާއި އިނގިރޭސިވިލާތް އަދި ސްޕޭނުގެ އެންމެ ވަރުގަދަ ކުލަބުތަކުން ހިފަން ފަށައިފި އެވެ.

މި ގޮތުން އޭނާ އަށް މިހާރު ވެސް ބިޑްކޮށްފައިވާ ކުލަބަކީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކެވެ. ނަމަވެސް ލެވަކޫސެން އޮތީ ކޮންމެ ގޮތަކުން ވެސް ބަޔާނަށް އޭނާ ސޮއި ކުރިޔަ ނުދޭން ކުރެވެން ހުރި ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށެވެ.

ޖަރުމަނުގެ ގައުމީ ޓީމުގައި ވެސް މޮޅަށް ކުޅޭ ކުޅުންތެރިޔާ އަށް ދެން ޝައުގުވެރިވަނީ ސްޕޭނުގެ ރެއާލް މެޑްރިޑެވެ. އެކުލަބުން ކުރިއަށް އޮތް ސީޒަނަށް އެންމެ ބޭނުންވާ އެޓޭކިން ކުުޅުންތެރިއަކީ ވެސް އޭނާ އެވެ. ބްރެޒިލްގެ ރޮޑްރީގޯ ވިއްކާލަން ރެއާލް ވިސްނަނީ ވެސް ވާޓްސް ގެންދިއުމަށެވެ. އަދި ރެއާލްގެ ކޯޗުކަމާ ހަވާލުވާން ތައްޔާރުވާ ޒަވީ އަލޮންސޯ ވެސް ހުރީ ވާޓްސް ގެންދިއުމަށް ބޭނުންވެފަ އެވެ. ވާޓްސް އަކީ އަލޮންސޯގެ ކޯޗުކަމުގައި މިދިޔަ އަހަރު ޖަރުމަނު ލީގު ލެވެކޫސެން އަށް ހޯދައިދޭން އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔާ އެވެ.

"އަހަރެން ގާތުގައި ވާޓްޒް ނުބުނޭ އޭނާ ދާން ބޭނުންވަނީ ބަޔާން މިއުނިކަށޭ. އޭނާ އަކީ ވަަރަށް ވިސްނުން ރަނގަޅު ކުޅުންތެރިއެއް. އޭނާ ގޮތެއް ނިންމާނީ ކުރިމަގު ރަނގަޅުވާނެ ގޮތަކަށް،" އަލޮންސޯ ބުންޏެވެ.

އިނގިރޭސި އެންމެ ވާދަވެރި ދެ ކުލަބު ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ޗެމްޕިއަން ލިވަޕޫލް ވެސް އޭނާ އަށް ޝައުގުވެރިވެ އެވެ.

އިނގިރޭސި މީޑިއާތަކުން ބުނަނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެން ވާޓްޒް ޝައުގުވެރިވާ ކަމަށެވެ. މިހެންވެ ސިޓީގެ އޮފިޝަލުންނާއެކު ވާޓްސް ބައްދަލުކޮށް ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ސިޓީން އޭނާ ގަތުމަށް ރަސްމީކޮށް އަދި ހުށަނާޅަ އެވެ. އަދި އޭނާ ކުރިއަށް އޮތް ހަފުތާގައި ލިވަޕޫލުގެ އޮފިޝަލުންނާ ވެސް އޭނާ ބައްދަލުކުރާނެ ކަމަށެވެ. ލިވަޕޫލުން މިހާރު ވަނީ ކުޅުންތެރިޔާގެ އެޖެންޓާ މިކަމުގެ މަޝްވަރާތައް ފަށައިފަ އެވެ.

މިހެންވެ ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި އެންމެ ވާދަވެރިކަން ބޮޑުވާނެ ކުޅުންތެރިއަކީ ވާޓްސްގެ ސޮއި ހޯދުން ކަމަށް މީޑިޔާތަކުން ގަބޫލުކުރެ އެވެ.