ޚަބަރު

ޒުވާން ޖީލު ދުންފަތުން ސަލާމަތްކުރަން ސަރުކާރުން އެޅުއްވި ފިޔަވަޅަށް ޑަބްލިޔުއެޗްއޯގެ ތައުރީފް!


  • ޖެނެރޭޝަނަލް ބޭން ކަނޑައެޅުމަށް ޤާނޫނަށް ގެނައި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފައި

ދުންފަތާ ދުރުހެލި ކުރުވަން ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅުއްވުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން އެޅުއްވި ހިތްވަރުގަދަ މުހިއްމު ފިޔަވަޅެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ، ޑަބްލިޔުއެޗްއިން ބުނެފިއެވެ.

ޑަބްލިޔުއެޗްއިން މިހެން ބުނީ 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އެ ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެނެވެ.

ދުންފަތާ ދުރުހެލި ކުރުވަން ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅުއްވުމަށް ޤާނޫނަށް ގެންނެވި އިސްލާހާއި ގުޅިގެން ޑަބްލިޔުއެޗްއޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖުގައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަށް މަރުހަބާ ދަންނަވާފައެވެ. އަދި މިއީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރުކަންވެސް ޑަބްލިޔުއެޗްއޯއިން ފާހަގަކޮށްފައިވެއެވެ.

ޑަބްލިޔުއެޗްއޯއިން ފާހަގަކުރައްވާ ގޮތުގައި ރާއްޖެއިން އެޅި ފިޔަވަޅަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުޅަހެޔޮ މުސްތަގުބަލަކަށް ސަރަހައްދީގޮތުން ކުރާ މަސައްކަތަށް އެޅުނު ބާރެކެވެ.

ދުންފަތާ ދުރުހެލި ކުރުވަން ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅުމާއި ގުޅޭ ޤާނޫނީ އިޖުރާއާތުތައް ރާއްޖެއިން ފުރިހަމަކޮށްފައިވާއިރު، ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވާފައިވަނީ އެކަމާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރިއަށްގެންދެވި ޕޯލެއްގެ ނަތީޖާއަށް ބެއްލެވުމަށްފަހުއެވެ.

މި ތާރީޚީ ޕޯލަކީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، މީސް މީޑިއާ މަންސައެއްގައި ހުޅުވާލެއްވި މިފަދަ ފުރަތަމަ ޕޯލެވެ. މި ޕޯލްގައި 5000 އަށްވުރެ ގިނަ މީހުން ބައިވެރިވެ، އެމީހުންގެ ހިޔާލު ވަނީ ރައީސަށް ހުށަހަޅުއްވާފައެވެ.

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމަށް ޤާނޫނަށް އިސްލާހު ގެންނަވާފައިވާއިރު، މި ޤާނޫނު ރާއްޖޭގައި ތަންފީޒުކުރާ ހިސާބުން ރާއްޖެ ވެގެންދާނީ ދުނިޔޭގައި މިފަދަ ޤާނޫނެއް ފާސްކޮށް، އެއަށް އަމަލުކުރާ ފުރަތަމަ ޤައުމަށެވެ. އެހެން ބައެއް ގައުމުތަކުގައިވެސް ދުންފަތާއި ދެކޮޅަށް ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅުމުގެ މަސައްކަތްކޮށްފައި ވީނަމަވެސް، މިހާތަނަށް އައިއިރު އެއްވެސް ގައުމަކުން ދުންފަތާއި ދެކޮޅަށް ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކޮށްފައެއް ނުވެއެވެ. އެހެންކަމުން ޖެނެރޭޝަނަލް ބޭންއެއް ކަނޑައަޅާ، ތަންފީޒުކުރާ ފުރަތަމަ ގައުމަކަށް ރާއްޖެވެއްޖެނަމަ އެއީ ބައިނަލްއަގުވާމީ ގޮތުންވެސް ރާއްޖެއަށް ލިބޭނެ ބޮޑު ކާމިޔާބީއެއްގެ އިތުރުން ކޮންމެ ދިވެއްސަކުވެސް އެކަމާމެދު އުފާކޮށް ފަހުރުވެރިވާނޭކަމެއްކަން ޔަގީނެވެ.