ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގައި މަހިބަދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ގިނަ ޒުވާން ކުޅުންތެރިންގެ ބޭނުންހިފީ މިފަދަ މުބާރާތްތަކުގައި ކުޅެ ތަޖުރިބާ ހޯދުމުގެ ފުރުސަތު އެ ކުޅުންތެރިންނަށް ދިނުމަށް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ހެނާންޑޭޒް ބުނީ އެފްއޭއެމް ލީގު ކަޕުގައި މާޒިޔާގެ ޒުވާން ކުޅުންތެރިންގެ ސްޕީޑް ރަނގަޅުކުރުމަށް ސީނިއާ ކުޅުންތެރިންނާއެކު މުބާރާތުން ފުރުސަތު ދެމުން އަންނަ ކަމަށެވެ.
ހެނާންޑޭޒް ވަނީ އަންގާރަ ދުވަހުގެ ހަވީރު 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބޫޓާން ބައްދަލުކުރި މެޗަށް އިޝާރާތްކޮށް، އެ މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ރާއްޖޭގެ ޒުވާން ޓީމުން ދެއްކި ކުޅުމަށްވެސް ތައުރީފުކޮށްފައެވެ. މާޒިޔާގެ ޒުވާން ޓީމުގެ ގިނަ ކުޅުންތެރިންތަކެއްވެސް ޒުވާން ގައުމީ ޓީމުގައި ކުޅެފައިވާއިރު ހެނާންޑޭޒް ބުނީ ރާއްޖޭގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމާމެދު އުފާކުރާ ކަމަށާއި މިކުދިންނަށް ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށެވެ.
އެފްއޭއެމް ލީގު ކަޕުގައި މަހިބަދޫއާ ދެކޮޅަށް އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު 0-7 ގެ ނަތީޖާއަކުން މާޒިޔާއިން ކާމިޔާބުކުރިއިރު، އެ މެޗުގައި މާޒިޔާއިން ދިޔައީ ގިނަ ހަމަލާތަކެއް އުފައްދަމުންކަން ފާހަގަކޮށް ހެނާންޑޭޒް ބުނީ އެޓޭކިންގ އާއި ޓީމުގެ ކޮމްބިނޭޝަންވެސް ރަނގަޅު ކަމަށެވެ.
އަދި ބައެއް ކުޅުންތެރިންނަކީ މާގިނައިން ކުޅުމުގެ ފުރުސަތު ލިބޭ ކުޅުންތެރިން ނޫންކަން ފާހަގަކުރަމުން ހެނާންޑޭޒް ބުނީ އެހެންކަމުން ދެ ހާފުގައިވެސް ޒުވާން ކުޅުންތެރިންގެ ބޭނުން މި މެޗުގައި ހިފީ އެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ކަމަށެވެ. އަދި މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.
މި މުބާރާތަށް މާޒިޔާއިން ވަރަށް ރަނގަޅަށް ތައްޔާރުވި ނަމަވެސް ބައެއް ކުލަބުތަކަށް އެންމެ ރަނގަޅަށް ތައްޔާރުވާން ފުރުސަތު ނުލިބުނުކަން އިނގޭ ކަމަށާއި، އެހެންނަމަވެސް ޓީމުތަކުން އެއް ހަފުތާއިން އަނެއް ހަފުތާއަށް އަންނައިރު ކުޅުން ރަނގަޅު ކުރަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް މާޒިޔާގެ ކޯޗު ބުންޏެވެ.
އަންގާރަ ދުވަހުގެރޭގެ މެޗަށް ނިކުތުމުގެ ކުރިންވެސް މާޒިޔާއިން ވަނީ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ މި މަހުގެ 21 ވަނަ ދުވަހުގެރޭ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.