ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ނަޒީރުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިރޭ ކުރާގޮތަށް ހަމަޖައްސައިފިއެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ނަޒީރުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައިކަމަށެވެ.
ނަޒީރު އަވަހާރަވީ އާލަސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިމަހުގެ 10 ވަނަ ދުވަހު އިނގިރޭސިވިލާތުގައެވެ.
ސ. ހުޅުދުއަށް އުފަން ނަޒީރަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. 1976 ގައި ރާއްޖެއަށް ބެކްޕެކް އަޅައިގެން ޑައިވިންއަށް ފަތުރުވެރިން އަންނަމުންދިއަ ޒަމާނުގައި، އޭނާގެ ޢާއިލީ ޓްރެވަލް އެޖެންސީއެއް "ސަންލޭންޑް" ނަމުގައި ހުޅުވައިގެން ރާއްޖެ މާކެޓްކުރަން ފަށައި، އެދާއިރާއިން ގިނަގުން ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ.
ސަންލޭންޑް ހޮޓެލްސްގެ "ކޮކޯ ކަލެކްޝަން ރިޒޯޓް ބްރޭންޑްސް"ގެ ޑިރެކްޓަރ ނަޒީރަކީ މާކެޓިންގެ ދާއިރާއިންވެސް ތަޖުރިބާކާރު ބޭފުޅެކެވެ. ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރު ވެސް މެއެވެ.
ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބޭފުޅެވެ.