ކުޅިވަރު

ފްރެންޗް ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޑެމްބެލޭ


މި ސީޒަނުގެ ފްރެންޗް ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޕީއެސްޖީގެ ފޯވާޑް އޮސްމާން ޑެމްބެލޭ ހޮވައިފިއެވެ.

އޭނާ ވަނީ މި ސީޒަނުގައި 28 މެޗުން ފްރެންޗް ލީގުގައި 21 ލަނޑު ޖަހާފައެވެ. އަދި ބަލިނުވެ ފްރެންޗް ލީގު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ. މުޅި ސީޒަނުގައި މިހާތަނަށް އޭނާ ވަނީ 46 މެޗުން 33 ލަނޑު ޖަހާފައެވެ.

ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވުމަށްފަހު ޑެމްބެލޭ ވަނީ މި ސީޒަނުގައި ފްރެންޗް ކަޕުވެސް އެ ޓީމަށް ކާމިޔާބުކޮށްދީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓީމު ގެންގޮސްދީފައެވެ.

"މިފަދަ ކޮންމެ އެވޯޑަކީ އަހަރެންގެ ކުޅުން އިތުރަށް ތަރައްގީ ކޮށްލަން ލިބޭ ފުރުސަތެއް. އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ ޓީމަށް ކާމިޔާބު ހޯދައިދޭން. އަހަރެންގެ މި ކާމިޔާބީ އަކީ ޓީމުގެ ކޮންމެ ކުޅުންތެރިއަކު ވެސް ހިއްސާވާ ކަމެއް. ކޯޗާއި ޓީމުގެ ކޮންމެ މީހެއްގެ ވެސް ހިއްސާ އޮތް ކާމިޔާބީއެއް،" ޑެމްބެލޭ ބުންޏެވެ.

ޑެމްބެލޭ ބުނީ ފްރެންޗް ލީގާއި، ފްރެންޗް ކަޕް ލިބުނަސް ޕީއެސްޖީގެ އަމާޒަކީ ޗެމްޕިއަންސް ލީގު ކަމަށެވެ. އެހެންވެ ފައިނަލުގައި އިޓަލީގެ އިންޓަރ މިލާން ބަލިކުރަން ކުޅުންތެރިން ދަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުން ކަމަށްވެސް ވަނީ ބުނެފައެވެ.

އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނީ ޑެމްބެލޭ، އޭނާގެ ކުޅުން ވަރަށް ބޮޑަށް ތަރައްގީކޮށްފައިވާ ކަމަށެވެ. އެންރީކޭ އަކީ ލީގުގެ އެންމެ މޮޅު ކޯޗެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޕީއެސްޖީއަށް ކުޅެމުން އަންނަ އިޓަލީ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރޫމާއެވެ.