ކުޅިވަރު

ރެއާލްގެ އެންމެ އަގުބޮޑު ކުޅުންތެރިއަކަށް ވިނީޝިއުސް


ރެއާލް މެޑްރިޑުގެ އެންމެ އަގުބޮޑު ކުޅުންތެރިއަކަށް ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ޖޫނިއަރ ހެދުމަށް އެ ކުލަބުން ނިންމައިފިއެވެ. އެއީ އޭނާ ލައްވައި ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުވައިގެންނެވެ.

ވިނީޝިއުސް އާއި ރެއާލް މެޑްރިޑާ ދެމެދު މިހާތަނަށް އެއްބަސްވުން އައުކުރުމާ މެދު ދެކެވުނު ވާހަކަތައް ވަނީ ކާމިޔާބުވެފައެވެ. ނިމިދިޔަ ސީޒަނުގައި ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފޯވާޑަށް ރެއާލްއިން ކިޔަނީ ޓެކްސް އުނިކޮށް އަހަރަކު 20 މިލިޔަން ޔޫރޯގެ މުސާރައެކެވެ. އަދި މި އަދަދު ސްޕޮންޝިޕާއި، ބޯނަހާއެކު 30 މިލިޔަނަށް އަރާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. މިހެންވެ އޭނާއަށް ފަސް އަހަރު ތެރޭގައި މަދުވެގެން 100 މިލިޔަން ޔޫރޯ ލިބޭނެއެވެ. ސްޕެއިންގެ ނޫސްޔަކުން ބުނާ ގޮތުގައި މިވަރުގެ މުސާރައެއް ރެއާލްއިން ހުށަހެޅީ ސައުދީ ޕްރޯ ލީގުން ވިނީޝިއުސް ގެންދަން މަސައްކަތްކުރާވަރު އިތުރު ކުރުމުންނެވެ.

ރެއާލްއާއެކު ވިނީޝިއުސް މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2027 ވަނަ އަހަރުއެވެ.
ވިނީޝިއުސް ރެއާލް މެޑްރިޑާ ގުޅުނީ 2018 ވަނަ އަހަރުއެވެ. މިހާތަނަށް އޭނާ ވަނީ އެ ކުލަބާއެކު ތިން ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ. މި ދެ ފަހަރުވެސް ފައިނަލްގައި އޭނާ ވަނީ ލަނޑު ޖަހާފައެވެ.

ނަމަވެސް މި ސީޒަނުގައި ވިނީޝިއުސް ދައްކަމުން އަންނަ ކުޅުމާމެދު ގިނަ ސަޕޯޓަރުންގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އެގޮތުން ސްޕެނިޝް ލީގުގައި ކުޅުނު 28 މެޗުން އޭނާ ޖެހިފައިވަނީ އެންމެ 11 ލަނޑެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު 12 މެޗުގައި ޖެހުނީވެސް އެންމެ އަށް ލަނޑެވެ.