ޚަބަރު

ފުރަތަމަ 3 މަހު ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ އަދަދު އިތުރު


  • ބައިނަލްއަޤްވާމީ އެއަރލައިންތަކުން ޖުމްލަ 4880 ދަތުރު ކުރި

  • މިއީ %5.4 އިތުރުވުމެއް

މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ބައިނަލްއަޤްވާމީ ފްލައިޓްތަކުން ރާއްޖެއަށް ކޮށްފައިވާ ދަތުރުތައް އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުރަތަމަ 3 މަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އަދި އެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދުވެސް އިތުރުކުރެއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ މަންތްލީ ސްޓެޓިކްސް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއަށް ބައިނަލްއަޤްވާމީ އެއަރލައިންތަކުން ޖުމްލަ 4،880 ދަތުރު ވަނީ ކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 4628 ދަތުރެވެ. އެހެންކަމުން މިއީ %5.4 އިތުރުވުމެކެވެ.

މި މުއްދަތުގެ ތެރޭގައި އެއަރލައިންތަކުން ރާއްޖެއަށް 4،444 ޝެޑިއުލް ދަތުރުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 4،141 ޝެޑިއުލް ދަތުރެވެ. މިއީ %7.3 އިތުރު އަދަދެކެވެ.

ފުރަތަމަ 3 މަސްދުވަހު ޖެނެރަލް ފްލައިޓްސް މޫމަންޓްސް ވަނީ ދަށްވެފައެވެ. އެގޮތުން ޖެނެރަލް ފްލައިޓްސް މޫމަންޓްސް ހުރީ 436 ގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖެނެރަލް ފްލައިޓް މޫމަންޓްސްއަކީ 487 ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 866،462 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %8 އިތުރު އަދަދެކެވެ. އެވްރެޖްކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 6،877 ފަތުރުވެރިން އަންނަކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.