ކުޅިވަރު

ޓީސީއާ ދެކޮޅަށް ކުޅުނީ އުނދަގޫ މެޗެއް: ހެނާންޑޭޒް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގައި މިދިޔަ ހުކުރު ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗަކީ ފަސޭހަ މެޗެއް ނޫން ކަމަށާއި، އެ ޓީމުގެ ފަރާތުން ފެނުނީ ވަރަށް ޑިފެންސިވް ގޭމެއް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ސްޕެއިންގެ ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.

ލީގު ކަޕުގައި 2-0 ގެ ނަތީޖާއަކުން ޓީސީ ބަލިކުރުމަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ހެނާންޑޭޒް ބުނީ މާޒިޔާގެ ފަރާތުން ރަނގަޅު ކޮށްލަންޖެހޭ ބައެއް ކަންކަންވެސް އެ މެޗުން ފާހަގަކުރެވުނު ކަމަށެވެ. އެހެންކަމުން އެކަންކަމަށް ފޯކަސްކޮށްގެން ކުރިއަށްހުރި ފަރިތަކުރުންތައް ރާވާނެ ކަމަށް ކޯޗު ވަނީ ބުނެފައެވެ.

"މި މެޗާ ދޭތެރޭ އެހާ ބޮޑަކަށް ހިތްހަމައެއް ނުޖެހޭ. ފުރަތަމަ ހާފުގައި އެއަށްވުރެ ރަނގަޅަށް ކުޅެވެން ޖެހޭނެކަމަށް ގަބޫލުކުރަން. ޓީމެއްގެ ގޮތުގައި ކުޅުންދެއްކުމުގައި ކޮންމެވެސް ވަރެއްގެ ދުރުކަމެއް ފާހަގަކުރެވުނު. އެހެންވީމަ މިކަންކަން ރަނގަޅުކޮށްލަން އެބަޖެހޭ" ހެނާންޑޭޒް ބުންޏެވެ.

މާޒިޔާގެ ކޯޗު ބުނީ އެ މެޗުގައި ޓީސީން ދެއްކި ކުޅުން މޮޅު ކަމަށާއި، އެ ޓީމުން ކުޅުނީ ވަރުގަދަ ދިފާއީ ގޭމެއް ކަމަށެވެ. އެހެންކަމުން އެފަދަ ހާލަތްތަކުގައި ކަންކުރާނެގޮތް މާޒީޔާއިން ދަސްކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

"މިސާލަކަށް ކުޅުމުގެ ތެރެއިން ވަގުތުތަކެއް ބޭކާރުވެގެންދިޔަ. އެހެންވީމަ މާޒިޔާގެ ފޯކަސް އެބަޖެހޭ މިކަންކަމަށް ބަހައްޓަން" ސްޕެއިނަށް ނިސްބަތްވާ ކާމިޔާބު ކޯޗު ބުނެފައިވެއެވެ.

އެހެންނަމަވެސް މާޒިޔާއިން މި މުބާރާތުގައި ދެ މެޗުންވެސް މޮޅުވެ، 6 ޕޮއިންޓް ހޯދާފައިވާތީ އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ކޯޗު ވަނީ ބުނެފައެވެ. އެކަމަށްޓަކައި އޭނާ އުފާކުރާކަމަށްވެސް ހެނާންޑޭޒް ބުންޏެވެ. އަދި އޭނާ މަސައްކަތްކުރާނީ ހުރިހާ ކުޅުންތެރިންނަށްވެސް ދަނޑަށް އެރުމުގެ ފުރުސަތު ހޯދައިދީ، މެޗުގެ ތަޖުރިބާ ހޯދައިދިނުމަށް ކަމަށް ކޯޗު ބުންޏެވެ. އޭނާ މާޒިޔާއާއެކު މަސައްކަތްކުރާތާ މާ ގިނަ ދުވަސްތަކެއް ނުވާ ކަމަށާއި، މި މުބާރާތަކީވެސް އައު މުބާރާތެއް ކަމަށްވުމުން، މާޒިޔާގެ ޒުވާން ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް އޭނާ މަސައްކަތްކުރާނެ ކަމަށް ހހެނާންޑޭޒް ވަނީ ބުނެފައެވެ.

"އަހަރެން ބޭނުންވަނީ މިމުބާރާތުން ހުރިހާ ކުޅުންތެރިންވެސް ފެންނަން. އަހަރެން ބުނެފަވާނެ ކުޅުންތެރިން ގާތު އެފުރުސަތު ކޮންމެ ކުއްޖަކަށްވެސް އޮތް ވާހަކަ. އެހެންވީމަ އެކުޅުންތެރިން މިކަމާ މެދު ވިސްނާނެކަމަށް އުންމީދުކުރަނީ" ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ހެނާންޑޭޒް ބުންޏެވެ.

ހެނާންޑޭޒް ބުނީ ޓީމުގެ ސީނިއަރ ކުޅުންތެރިންގެ ފެންވަރާމެދު ޝައްކުނުކުރާ ކަމަށާއި، އެހެންނަމަވެސް މުސްތަގުބަލު އޮތީ ޒުވާން ކުޅުންތެރިންނަށް ކަމަށެވެ. އެހެންކަމުން އެކުދިންނަށް އެފުރުސަތު ތަނަވަސްކޮށްދިނުމަށް އޭނާ ވަރަށް އިސްކަމެއްދޭނެ ކަމަށެވެ.

އެފްއޭއެމްއިން ބާއްވާ ލީގު ކަޕުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ، ހަ ޕޮއިންޓު ހޯދައިގެން މާޒިޔާ މި ވަގުތު އޮތީ އެއްވަނައިގައެވެ. މި މުބާރާތުގައި މާޒިޔާ ދެން ނުކުންނާނީ މަހިބަދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެރޭ 09:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.