ޚަބަރު

މިމަހުގެ 15އިން ފެށިގެން މުލީ އެއަރޕޯޓަށް ކޮމާޝަލް ދަތުރުތައް ބޭއްވޭގޮތަށް ހުޅުވާލައިފި


  • މުލި އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ މަހު 25ގައި

  • އެއަރލައިންތަަކަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައި

މުލި އެއަރޕޯޓަށް މިމަހުގެ 15އިން ފެށިގެން ކޮމާޝަލް ދަތުރުތައް ބޭއްވޭގޮތަށް އެއަރލައިންތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވީ، މުލި އެއަރޕޯޓަށް ދަތުރުތައް ފެށުމަށް އެކަމާ ގުޅޭ މަޢުލޫމާތު އެއަރލައިންތަކާ ހިއްސާކޮށްފައިވާކަމަށެވެ. އެގޮތުން މޯލްޑިވިއަން، ވިލާ އެއަރ، އަދި މަންޓާއަށްވެސް އެމަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މުބީން ވިދާޅުވީ މުއްޔަށް ދަތުރުތައް ފެށުމަށް މިހާތަނަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވަނީ މޯލްޑިވިއަންއިންކަމަށެވެ. އެގޮތުން މިމަހުގެ 17ގައި މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެށުމަށް މަޝްވަރާކޮށްފައިވާކަމަށް މުބީން ވިދާޅުވިއެވެ. މުބީން ވިދާޅުވީ މޯލްޑިވިއަންއިން ދަތުރުތަކުގެ ޝެޑިއުލްތައް ކަނޑައެޅުމަށްފަހު ވަރަށް އަވަހަށް ބުކިންއަށް ހުޅުވާލާނެކަމަށެވެ.

މުލީ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައސާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 25ވަނަ ދުވަހުއެވެ. އެއަރޕޯޓްގެ ޓެކްނިކަލް އެސެސްމަންޓްތައް މިހާރު ފުރިހަމަކޮށްފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

މުލި އެއަރޕޯޓް މިމަހުގެ 15ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ. އެއަރޕޯޓް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އެއަރޕޯޓް އޮޕަރޭޝަނަށް ގެންނައިރު، އެތަނުގައި 40އެއްހާ މުވައްޒަފުން މަސައްކަތްކުރާނެއެވެ.

މުލި އެއަރޕޯޓް ޚާއްސަކޮށްފައިވަނީ އެތެރޭގެ އުދުހުންތަކަށެވެ. މުލީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެރަށުން 36 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވެއެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު މި އެއަރޕޯޓު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ ސަރުކާރުން 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.