ކުޅިވަރު

ރޮނާލްޑޯގެ ދަރިފުޅު ޕޯޗުގަލްގެ ގައުމީ ޓީމަށް


ކްރިސްޓިއާނޯ ރޮނާލްޑޯގެ ދަރިފުޅު، ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއަރ ޕޯޗުގަލްގެ 14 އަހަރުން ދަށުގެ ގައުމީ ޓީމަށް ނަގައިފިއެވެ.

ޖޫނިއާ މިހާރު ކުޅެމުންދަނީ އޭނާގެ ބައްޕަ ކުޅެމުންދާ ސައޫދީ އަރަބިއާގެ އައް ނަސްރުގެ 14 އަހަރުން ދަށުގެ ޓީމަށެވެ. ޕޯޗުގަލްގެ ކެޕްޓަންކަން ކުރަމުން އަންނަ ރޮނާލްޑޯ ވަނީ އޭނާގެ ދަރިފުޅު އޭނާގެ ގައުމުގެ 14 އަހަރުން ދަށުގެ ގައުމީ ޓީމަށް ނެގުމުން އެކަމުގެ އުފަލުގައި ސޯޝަލް މީޑިއާގައި އެކަން އިއުލާނުކޮށްފަ އެވެ.

ރޮނާލްޑޯ ބުނީ ދަރިފުޅަށްޓަކައި ފަހުރުވެރިވާ ކަމަށެވެ.

ރޮނާލްޑޯގެ ދަރިފުޅު ގޮވައިގެން ޕޯޗުގަލް ކުޅެން މަސައްކަތް ކުރާ މުބާރާތަކީ މި މަހުގެ 13 އިން 18 އަށް ކްރޮއޭޝިޔާގައި އޮންނަ މުބާރާތެކެވެ. މި މުބާރާތުގައި ޕޯޗުގަލް ކުޅެން ޖެހެނީ ޖަޕާނާއި ގްރީސް އާއި އިންގްލޭންޑާ އެވެ.

ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯ ދަނީ އުމުރުން 40 އަހަރުގައި ވެސް ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެމުންނެވެ. އޭނާ ވަނީ ގައުމީ ޓީމަށް 136 ގޯލު ޖަހައިދީފަ އެވެ. އަދި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައި އެންމެ ގިނަ މެޗު ކުޅެދިން މީހަކީ ވެސް ރޮނާލްޑޯ އެވެ.

ރޮނާލްޑޯގެ ދަރިފުޅު ފުޓްބޯޅަ ކެރިއަރު ފެށީ އޭނާގެ ބައްޕަ ސްޕޭނުގެ ރެއާލް މެޑްރިޑަށް ކުޅެނިކޮށެވެ. އޭގެ ފަހުން މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ ޔުވެންޓަސް އަށް ރޮނާލްޑޯ ކުޅުނުއިރު އެ ދެ ކުލަބުގެ އެކަޑަމީގައި އޭނާގެ ދަރިފުޅު ފަރިތަކުރި އެވެ.

ރޮނާލްޑޯގެ ދަރިފުޅު ޕޯޗުގަލް އަށް ކުޅެން ފެށީ އެނާ އަށް ސްޕޭނާއި އެމެރިކާގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އޮއްވަ އެވެ.