ކުޅިވަރު

"މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025" މާދަމާ ފަށަނީ


35 އަހަރުން މަތީގެ މީހުންނަަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ "މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025" މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ.

ދާދި ފަހުން އުފެދުނު މާސްޓަރސް އެތުލެޓިކްސް ކުލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި ފަސް އުމުރުފުރާއަކުން ބައިވެރިން ވާދަކުރާނެއެވެ. އެއީ 35 އަހަރާ 39 އަހަރާ ދެމެދު، 40 އަހަރާ 44 އަހަރާ ދެމެދު، 45 އަހަރާ 49 އަހަރާ ދެމެދު 50 އަހަރާ 55 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 55 އަހަރުންމަތީގެ އުމުރުފުރާއިންވެސް މި މުބާރާތުގައި ވާދަވެރިން ފެނިގެންދާނެކަމަށް މާސްޓާރސް އެތުލެޓިކްސް ކުލަބުގެ ރައީސް އަލީ ރައީފް ވަނީ މައުލޫމާތުދެއްވާފައެވެ.'

މި މުބާރާތާ ގުޅޭގޮތުން ޕީއެސްއެމްއާ ވާހަކަދައްކަވަމުން މާސްޓަރސް އެތުލެޓިކްސް ކުލަބުގެ ރައީސް އަލީ ރައީފް ވިދާޅުވީ މިމުބާރާތުގެ މަގްސަދަކީ 35 އަހަރުންމަތީގެ ބޭފުޅުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުންކަމަށެވެ.

"35 އަހަރުންމަތީގެ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމުގެ ގޮތުން މި މުބާރާތް މި ބާއްވަނީ. އިރާދަކުރެއްވިއްޔާ މި މުބާރާތް ކޮންމެ އަހަރަކުވެސް މޭމަހު ދެން ބޭއްވޭނެ" ރައީފް ވިދާޅުވިއެވެ.

މި މުބާރާތުގައި ކުރިއަށްދާ އިވެންޓުތަކުގެ ތެރޭގައި 100މީޓަރު، 200 މީޓަރު ،1500 މީޓަރުގެ އިތުރުން 5000 މީޓަރާއި 1000 މީޓަރު ދުވުން ހިމެނެއެވެ. އަދި އޭގެ އިތުރުން ފީލްޑް ހަރަކާތްތައްކަމަށްވާ ޝޮޓް، ޑިސްކަސް އަދި ޖެވެލިން ތުރޯވެސް މި މުބާރާތުގައި ހިމެނޭނެކަމަށް ރައީފް މައުލޫމާތުދެއްވިއެވެ.

"މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025" ކުރިއަށްދާނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް މާފަންނު ކުޅިވަރު އެކުވެނީގައެވެ. މިއީ މިއުމުރުފުރާއަށް ޚާއްސަކޮށްގެން ބޭއްވޭ ފުރަތަމަ މުބާރާތަށްވާއިރު 100 އަށްވުރެ ގިނަ ފަރާތްތަކުން މި މުބާރާތުގައި ވާދަކުރާނެކަމަށް ރައީފް މައުލޫމާތުދެއްވިއެވެ. އަދި މި މުބާރާތުގައި އަވަށްޓެރި ސްރީލަންކާގެ ފަސް ފަރާތަކުންވެސް ބައިވެރިވެފަވާކަމަށް ރައީފް ވަނީ ހާމަކުރައްވާފައެވެ.