ފިރިހެން ކްރިކެޓް ޓީމަށް ހޯދައިދެވޭ ފުރުސަތުތަކާ އެއްވަރަށް ހަމަހަމަކަމާއެކު އެ ފުރުސަތުތައް އަންހެން ކްރިކެޓަށްވެސް ހޯދައިދެވޭނަމަ، އަންހެން ކުރިކެޓުން ގައުމަށް މާ ގިނަ ކާމިޔާބީތައް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް ލ. އަތޮޅު ކްރިކެޓް ޑިވެލޮޕްމަންޓް ކޯޗު ލިރުގާމް ސައީދު (ލަރޭ) ބުނެފިއެވެ.
"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ލަރޭ މިހެން ބުނެފައިވަނީ ލ. ކުނަހަންދޫން ކްރިކެޓަށް ލިބެމުންދާ ތަރުހީބު ފާހަގަކުރަމުންނެވެ. ލަރޭ ބުނީ ކުނަހަންދޫއަކީ ކުޅިވަރުގެ ރަށެއް ކަމަށާއި، ވަކިން ޚާއްސަކޮށް އެ ރަށުގެ އަންހެންވެރިންގެ ފަރާތުން މި ކުޅިވަރުގައި ފެންނަ ހުނަރުވެރިކަން ވަކިން ބޮޑު ކަމަށެވެ. މީގެ އިތުރުން ގައުމީ އަންހެން ކްރިކެޓް ޓީމަކީ ގާތްގަނޑަކަށް ރަށަށް ނިސްބަތްވާ ޓީމެއްކަން ފާހަގަކުރަމުން އޭނާ ވަނީ މަދު ވަސީލަތްތަކަކާއެކުވެސް ރަށުގެ ކުޅުންތެރިން ދައްކަމުންދާ ހުނަރަށް ތައުރީފުކޮށްފައެވެ.
"މިރަށަކީ ކްރިކެޓް ދަނޑެއް އޮތް ރަށެއް ނޫން. އެހެންނަމަވެސް ފުވައްމުލައް ފަދަ ރަނގަޅު ދަނޑުތައް އޮތް ރަށްރަށަށްވުރެ މިރަށުގެ އަންހެން ކުދިންގެ ފަރާތުން ފެންނަ ހުނަރުވެރިކަން މާ ބޮޑު. އެހެންވީމަ އެކަށީގެންވާ ވަސީލަތްތައް ލިބޭ ނަމަ މި ކުޅުންތެރިންގެ ކުޅުން މިއަށްވުރެ އަދި މާ ރަނގަޅުވީސް." ލަރޭ ބުންޏެވެ.
ލ. ކުނަހަންދޫގައި ކްރިކެޓަށް ޚާއްސަ ދަނޑެއް ނެތުމުގެ ސަބަބުން ފޮއެމަތީގައި ދަނޑަށް ލޮނުއަރާ ކަމަށާއި، އެ ދުވަސްވަރު ޕްރެކްޓިސްތަކަށް ބުރޫއަރާ ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު ޕްރެކްޓިސްކުރާ ދަނޑުގައި ފީލްޑިންގ ޕްރެކްޓިސްކުރުމަކީ ނުރައްކާތެރި ކަމެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
"ބެލެނިވެރިން މިކަމަށް ހުންނަ ޝައުގުވެރިކަމުގައި ކުދިންނަށް މިތާ މި ޕްރެކްޓިސް ކުރެވެނީވެސް. މިއީ ފީލްޑިންގ ޕްރެކްޓިސް ކުރުމަށް އެކަށީގެންވާ ދަނޑެއް ނޫން. ބޯޅަ ޖެހިފައި އަރާ ގޮތަކުން އަނިޔާއެއްވެސް ވެދާނެ. އެހެން ނަމަވެސް މި ރަށުގެ ކުޅުންތެރިން ކްރިކެޓަށް ހުންނަ ފޯރީގައި ޕްރެކްޓިސްތައް ބަރާބަރަށް ކުރަމުން ދޭ." ލަރޭ ބުނެފައިވެއެވެ.
މީގެ އިތުރުން ލަރޭވަނީ މިކުޅިވަރުގައި ކުރިއަށްދިޔުމަށް އަންހެން ޓީމަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. އޭނާ ބުނީ އަންހެން ޓީމުން މިހާރު ފަރިތަކުރުންތައް ކުރިއަށްގެންދަނީ އެއްވެސް އަމާޒެއް ނެތި ކަމަށެވެ. އޭގެ ބަދަލުގައި މުބާރާތަކަށް އަމާޒުކޮށްގެން ޕްރެކްޓިސްތައް ކުރާނަމަ ކުޅުންތެރިންނަށް ފައިދާ ބޮޑުވާނެ ކަމަށް ލަރޭ ބުންޏެވެ.
"ބޭރުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު އަންހެން ޓީމަށް ނުވެސް ލިބެޔޭ ބުނެވިދާނެ. އަނެއްކާ އެތެރޭގެ މެޗުތައްވެސް ވަރަށް މަދު. ކުރިއަށް މެޗެއް ނުވަތަ މުބާރާތެއް އޮންނަ ނަމަ މާ ޖޯޝުގައި ކުޅުންތެރިން މަސައްކަތްކުރާނެ. މިސާލަކަށް ލަންކާ ތަންތަނުންވެސް ޓީމުތައް ގެނެސް އެކުވެރިކަމުގެ މެޗުތައްވެސް ބާއްވާނަމަ އެއީވެސް މިކުދިންނަށް ލިބިގެންދާނެ ރަނގަޅު ތަޖުރިބާއެއް." ކަންބޮޑުވުމާއެކު ލަރޭ ބުނެފައިވެއެވެ.
ގިނަ މެޗުތައް ކުޅެން ލިބުމަކީ ހެދޭ ކުށްތައް ރަނގަޅުކުރަން ލިބޭ ވަރަށް ރަނުގެ ފުރުސަތެއް ކަމަށް ބުނަމުން ލަރޭ ބުނީ ވާދަވެރި މެޗުތައް ކުޅެލަން ނުލިބި ކުއްލިއަކަށް މުބާރާތަށް އެރުމުން މިފަދަ ކަންކަން ރަނގަޅުކުރުމަށް ފުރުސަތު ފަހިނުވާ ކަމަށެވެ. އަދި މީގެ އިތުރުން މި ކުޅުންތެރިންނަށްވެސް އުސޫލެއް ކަނޑައެޅި ނެޝަނަލް ޓީމު އެލަވަންސް ހަމަޖެހިގެން ދާތަން އަވަސް މުސްތަގުބަލެއްގައި ފެނިގެން ދިއުމަކީ އޭނާގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް ލަރޭ ފާހަގަކުރިއެވެ.
"ސާފަށް ދިޔައިރު މި ކުޅުންތެރިން ވާދަކުރި އޮސްޓްރޭލިއާ، އިންގްލަންޑް، ނޭޕާލް، ހޮންގކޮންގ ފަދަ މޮޅެތި ގައުމުތަކުގެ ކުޅުންތެރިންނާ. އެ މުބާރާތުގައި ދިވެހިކުދިން ދެއްކި ކުޅުމަށް ގިނަ ބަޔަކު ވަރަށް ތައުރީފުކުރި. މިކުދިން މުބާރާތްތަކަށް މިދަނީ އަޅުގަނޑު ކުރިން ފާހަގަކުރިހެން ގިނަ ގޮންޖެހުންތަކަކާއެކު. މިކަންކަން ފަސޭހަވެގެންދާނަމަ ގައުމީ އަންހެން ކްރިކެޓް ޓީމުން ހޯދާނެ ކާމިޔާބީތައް މާ ގިނަވާނެކަމަށް އަޅުގަނޑު ދެކެން." އަންހެން ޑިވިޝަނުގެ ގައުމީ ކްރިކެޓް ތަށި 4 ފަހަރު ކުނަހަންދުއަށް ހޯދައިދިން ކޯޗު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުންޏެވެ.
މިދިޔަ އަހަރު މެލޭޝިއާގައި ބާއްވި އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ވިމެންސް ޓީ20 ޕްރިމިއަރ ކަޕުގައި ވާދަކުރި ރާއްޖޭގެ އަންހެން ކްރިކެޓް ޓީމުންވެސް ލ. ކުނަހަންދޫގެ 8 ކުޅުންތެރިން ޖާގަ ހޯދިއެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ މޮޅު އަންހެން ކްރިކެޓް ކުޅުންތެރިޔާ ކަމަށްވާ ސުމައްޔާ ބިންތި ހަމީދުވެސް ނިސްބަތްވަނީ ހަމަ މިރަށަށެވެ.