ޚަބަރު

ރައީސްގެ އަމާޒު؛ ޑިޖިޓަލް އިޤްތިސާދީ ބަދަލުތަކާއިއެކު، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމަކަށް ހެދުން


  • ރައީސް ވިދާޅުވީ ޤައުމެއްގެ ތަރައްޤީ ވަޒަންކުރެވެނީ ހަމައެކަނި އިޤްތިޞާދީ ފުދުންތެރިކަމުން ނޫންކަމަށް

  • ތަރައްޤީ ޙާސިލުކުރުމަށް މުޖުތަމަޢުގެ ކޮންމެ މީހަކަށްމެ އަބުރުވެރި ދިރިއުޅުމެއް ކަށަވަރުވާންޖެހޭ

އަމާޒަކީ ޑިޖިޓަލް އިޤްތިސާދީ ބަދަލުތަކާއިއެކު، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމަކަށް ރާއްޖެ ހެދުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މުޖުތަމަޢުގެ ކޮންމެ ފަރުދަކީވެސް އަބުރުވެރިކަމާއި އިޙްތިރާމާއެކު މުޖުތަމަޢުގައި އުޅުމުގެ ފުރުސަތު ފަހިވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ޙަގީގީ ތަރައްޤީއަށް ވާސިލުވުމަށް މުހިއްމުކަމެއް ކަމުގައެވެ.

ރައީސް ވިދާޅުވީ މިއަދު އިފްތިތާޙުވެގެންދިޔަ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް(މިސްފީ)އާއެކު، މާލީ ދާއިރާއާއި މަދަނީ ޖަމްޢިއްޔާތަކާއި ދެމެދު ގުޅުންތައް ބަދަހިކުރެވި މުޖުތަމަޢުގައި ތިބި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެންދާނެކަމަށެވެ.

"މިކަން ހަގީގަތަކަށް ހެދުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން އޮތީ ތައްޔާރަށް. މިއަމާޒަށް ވާޞިލުވުމަށް މަސައްކަތްކުރާއިރު ޤައުމެއްގެ ތަރައްޤީ ހަމައެކަނި މިންކުރެވެނީ އެޤައުމެއްގެ އިޤްތިޞާދީ ކުރިއެރުމުން ނޫންކަމާއި އެއީ އަބުރުވެރިކަމާއި، އިޙްތިރާމާއެކު މުޖުތަމަޢުގައި އުޅުމުގެ ފުރުސަތު އެންމެނަށް ފަހިކޮށްދެވިގެން ޙާސިލުވާ އަމާޒެއްކަން ޤަބޫލުކުރަންޖެހޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމާޒަކީ ޑިޖިޓަލް އިޤްތިސާދީ ބަދަލުތަކާއިއެކު، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމަކަށް ރާއްޖެ ހެދުންކަމަށެވެ. އަދި މޯލްޑިވްސް ފައިނޭންސް އިނިޝިއޭޓިވްއަކީ މާލީ ކަންކަމުގައި އެހެންގެ ބައިވެރިވުން އިތުރުކޮށް، ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ މުހިއްމު ކަންކަން ހާސިލްކުރުމަށްވެސް އެހީތެރިވެދޭނެ މަސައްކަތެއްކަމަށެވެ.

ދިވެހީން އަބަދުވެސް ޤަބޫލުކުރާ އުސޫލުތަކުގެ ތެރޭގައި ހިމެނޭ، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމާއި، އިންސާފު ޤާއިމުކުރުމާއި، އިޖުތިމާޢީ ހަމަހަމަކަން ޤާއިމުކުރުމަކީ މި އިނީޝިއޭޓިވްގެ ދަށުން ޙާސިލުކުރުމަށް މަސައްކަތްކުރެވޭ ލަނޑުދަނޑިތައްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ޞަދަޤާތާއި، ވަޤުފް އަދި އިސްލާމިކް ކްރައުޑް ފަންޑިންގއާއެކު، އިސްލާމިކް ބޭންކިންގ ނިޒާމުގެ ތެރެއިން މުޖުތަމަޢުގައި ތިބި ނާޒުކު ފަރާތްތައް މާލީގޮތުން ބާރުވެރިކުރެވި، އިޖުތިމާޢީ އަދާލަތު ޤާއިމުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.