އެމެރިކާއަށް ޤަވާޢިދާ ޚިލާފަށް އެތެރެވެފައިވާ ބިދޭސީން، އަމިއްލައަށް އެނބުރި ޤައުމަށް ދިޔުމުގެ ދަތުރު ޚަރަދާއި އެލަވަންސަކާއެކު 1،000 އެމެރިކާ ޑޮލަރު ދޭން ނިންމާފައިވާ ކަމަށް، އެމެރިކާގެ ދާޚިލީ ކަންކަމާގުޅޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށް، ބަންދުގައި ބައިތިއްބައި އަދި ފޮނުވާލުމަށް މިހާރު ގާތްގަނޑަކަށް ބޮލަކަށް 17،000 އެމެރިކާ ޑޮލަރު ހޭދަވާ ކަމަށެވެ. އެހެންކަމުން، އަމިއްލައަށް އެނބުރިދާ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް މި ދެވޭ އެލަވަންސާ އެކު އެ ޚަރަދު އެތައް ގުނައަކުން ކުޑަކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މިދިޔަ ޖެނުއަރީ މަހު، އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދަޢުރަކަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވުމަށް ފަހު ވަނީ، އެމެރިކާގައި ޤަވާޢިދާ ޚިލާފަށް އުޅޭ އެތައް މިލިއަން މީހުން، އަނބުރާ އެ މީހުންގެ ޤައުމުތަކަށް ފޮނުވާލައްވާނެކަމުގެ ވަޢުދާއެކު އެ މަސައްކަތް ފައްޓަވައިފައެވެ.
މި ގޮތުން، މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޤަވާޢިދާ ޚިލާފަށް އުޅޭ 152،000 ބިދޭސީން ފޮނުވާލާފައިވާ ކަމަށް ދާޚިލީ ކަންކަމާގުޅޭ ވުޒާރާއިން ބުނެފައިވެއެވެ. ނަމަވެސް، މިއީ ޖޯ ބައިޑެންގެ ސަރުކާރުގައި ފޮނުވާލި 195،000އަށްވުރެ މަދު އަދަދެއް ކަމުން، އެ މަސައްކަތް އިތުރަށް ފުޅާކުރަން ޓްރަމްޕްގެ ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.
އެމެރިކާގެ ދާޚިލީ ކަންކަމާގުޅޭ ވުޒާރާއިން ބުނީ، އަމިއްލައަށް އެމެރިކާއިން ދިޔުމަކީ، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އޮތް އެންމެ ފަސޭހަ އަދި އެންމެ ރައްކާތެރި މަގު ކަމަށެވެ. އަދި މި މަގު ޚިޔާރުކުރާނަމަ، ޤަވާޢިދާ އެއްގޮތަށް އެމެރިކާއަށް އެނބުރި އައުމުގެ ފުރުޞަތު ވެސް ފަހިވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް، އެ ކަން މަގުފަހިވާނެ ސީދާ ގޮތެއް އެ ވުޒާރާއިން ބުނެފައެއް ނުވެއެވެ.