ބާސެލޯނާގެ 17 އަހަރުގެ ފޯވަޑް ލަމީން ޔަމާލް ވަރުގެ މޮޅު ކުޅުންތެރިއަކު މި ފަހުން ދެކެފައިނުވާ ކަމަށް އިންޓަމިލާނުގެ ކޯޗު ސިމޯން އިންޒާގީ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދަން މިރޭ އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ކޯޗު ބުނީ މި ދެ ޓީމު ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި ޔަމާލް އޮބަހައްޓަން ތިން ކުޅުންތެރިން ބައިތިއްބަން ޖެހުނު ކަމަށެވެ.
"އެވަރުން ވެސް އޭނާ ގޯލެއް ޖަހައި އިތުރު ގޯލެއް ޖަހަން ވެސް ޖާގަ ހޯދި. އޭނާ ވަރަށް މޮޅަށް ކުޅުނު. މި ފަހުން އަހަރެން ނުދެކެން އެހާ މޮޅު ކުޅުންތެރިއަކު. އަމުދުން އޭނާގެ ކުޅުން އެހާ ގާތުން ފެނުމުން އަހަރެން ވެސް މުހުރީ ހައިރާންވެފައި،" ކޯޗު ބުންޏެވެ.
މިހެންވެ ސެންސީރޯގައި މިރޭ ކުޅޭ މެޗުގައި ވެސް ތަފާތު ދައްކާނެ އެއް ކުޅުންތެރިއެއްގެ ގޮތުގައި ބެލެވެނީ ޔަމާލް ކަމަށް ކޯޗު ބުންޏެވެ.
"އަހަރުމެން އޭނާ އަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭނެ. އެއީ ޔަގީން ކަމެއް. ދެން އަހަރުމެންގެ ޓީމުގެ ވިސްނުމަކީ މި މެޗު ކާމިޔާބުކޮށް ފައިނަލް ދިއުން. އެކަމަށް މުޅި ޓީމު ވެސް ތިބީ ތައްޔާރުވެގެން. އަހަރުމެންގެ ސަޕޯޓަރުންނާއެކު މެޗު ކާމިޔާބު ކުރެވޭނެ ކަމަށް މި ބަލަނީ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ މި މެޗަށް ބާސެލޯނާ ނުކުންނައިރު ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ ފިޓްވުމަކީ ވެސް އިންޓަ ވިސްނަންޖެހޭނެ ކަމެއް ކަމަށެވެ.
"އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ތިން ފޯވަޑުންގެ ތެރެއިން އެކަކު. އެހެންވީމާ އަހަރުމެން ޖެހޭނެ އިތުރު ސަމާލުކަމެއްދޭނެ. ކުރީ މެޗަށް ވުރެ އެމީހުންގެ އެޓޭކް މި މެޗުގައި ވަރުގަދަވާނެ،" ކޯޗު ބުންޏެވެ.
މި ދެ ޓީމު ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ އިންޓަމިލާން ދެ ފަހަރު ލީޑް ނެގި ނަމަވެސް 3-3އިން އެއްވަރުވެގެންނެވެ. މިހެންވެ ފައިނަލަށްދާނެ ޓީމެއް ކަށަވަރުކުރުމަށް މި މެޗުގައި ނަތީޖާ ނެރެން ޖެހޭނެ އެވެ.