ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގެ ކިއޮސްކްތަކުގެ އަގު ހެޔޮކޮށްފި


  • މައުރަޒު އޮންނާނީ މި މަހުގެ 23 އިން 31 އަށް

  • މިއީ މިހާތަނަށް ބާއްވާ އެންމެ ބޮޑު އުފެއްދުންތެރިކަމުގެ މައުރަޒު

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ޤާއިމްކުރާ، ކިއޮސްކުތަކާއި ސްޓޯލްތަކުގެ އަގު ހެޔޮކޮށްފިއެވެ. މި މައުރަޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބާއްވާ މައުރަޒެކެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އޭގެތެރޭގައި ގޭގައި ތަކެތި އުފައްދާ ފަރާތްތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ޢާންމުކޮށް ދައްކާލުމަށާއި ވިއްކުމުގެ ފުރުޞަތު ފަހި ކުރުމަށް ޚާއްޞަކޮށްފައިވާ މާކެޓް ޕްލޭސް ހިމެނެއެވެ. މި މައުރަޒުގައި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ޤާއިމްކުރާ، ކިއޮސްކުތަކާއި ސްޓޯލްތަކުގެ އަގު މިހާރު ވަނީ ހެޔޮކޮށްފައެވެ. މީގެ އިތުރުން ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓްގެ ސްޓޯލްތަކާއި، މައުރަޒު އޮންނަ ސަރަޙައްދުން ހުސްޖާގަތައް ކުއްޔަށް ދޫކުރާ އަގަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ގޭގައި ތަކެތި އުފައްދާ ފަރާތްތަކަށް 20 ކިއޮސްކު ޚާއްޞަ ކޮށްފައިވާއިރު ބާކީ ކިއޮސްކުތައް ކަނޑައަޅާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން މިއިން ކޮންމެ ކިއޮސްކެއްގެ އަގަކީ މައުރަޒް ކުރިއަށްދާ ކޮންމެ ދުވަހަކަށް 1،111 ރުފިޔާއެވެ. ނަމަވެސް މިހާރު ސަރުކާރުން މި ކިއޮސްކުތައް ވިއްކާ އަގަށް ގެނައި ބަދަލާއެކު ގޭގައި އަމިއްލައަށް މަސައްކަތް ކުރާ ކުދި ވިޔަފާރިތަކަށް ކިއޮސްކު ވިއްކާ އަގަކީ މައުރަޒު ކުރިއަށްދާ ކޮންމެ ދުވަހަކަށް -/444 ރުފިޔާއެވެ.

އެނޫން ކުދި ވިޔަފާރިތަކަށް ކިއޮސްކު ވިއްކަނީ މައުރަޒު ކުރިއަށްދާ ކޮންމެ ދުވަހަކަށް -/666 ރުފިޔާގެ މަގުންނެވެ. މީގެ އިތުރުން ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓްގެ ސްޓޯލްތަކުގެ އަގުންވެސް -/3000 ރުފިޔާއާއި -/4000 ރުފިޔާއާ ދެމެދުގެ ހެޔޮ ބަދަލެއް ވަނީ ގެނެސްފައެވެ.

މި ކިއޮސްކު ތަކަކީ ރާއްޖޭގައި އާންމުކޮށް ބާއްވާ މިފަދަ މައުރަޒްތަކާއި ތަފާތުކޮށް، ފެންވަރު ރަނގަޅު އަދި ތަކެތި ވިއްކާ ފަރާތްތަކަށާއި މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައިވާ ކިއޮސްކު ތަކަކަށް ވެގެން ދާނެކަމަށް ބީސީސީން ވަނީ ވިދާޅުވެފައެވެ.

ގޭގައި ތަކެތި އުފައްދާ އުމުރުން 18 އަހަރުން މަތީގެ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މި ކިއޮސްކުތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިކަމަށް އެދެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިންތީގައި ހިމެނޭ ވިޔަފާރިތަކަށް އެކަންޏެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު، "މޯލްޑިވްސް އެކްސްޕޯ 2025" އަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެބޮޑު އުފެއްދުންތެރި ކަމުގެ މައުރަޒެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަޠު މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ވަނީ ހުޅުވާލާފައެވެ.