މަޝްހޫރު ފުޓްބޯޅަ ކޯޗު ހީނާ އަހުމަދު ސަލީމަށް ހާޓް އެޓޭކެއް ޖެހި، އޭޑީކޭ ހޮސްޕިޓަލުގައި ފަރުދާ ދޭން ފަށައިފި އެވެ.
ހީނާގެ ހިތުގެ ނާރުތަކުގައި އުފެދިފައިވާ ބްލޮކްތައް މިހާރު ވަނީ ފިލުވާލައިފަ އެވެ. އަދި މި ވަގުތު އޭނާ އޮތީ އޮބްޒަވޭޝަންގައި ބާއްވައިފަ އެވެ.
ހީނާގެ ގާތް މީހަކު މި ނޫހަަށް ބުނީ މެތަށް ތަދުވާތީވެ ހޮސްޕިޓަލަށް ދިޔައީ އަމިއްލަ އަށް ކަމަށެވެ. އަދި ގޭސްޓްރިކްޓް ވެފައިވާ ކަމަށް ބަލައި އެކަމަށް ފަރުވާ ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.
އުމުރުން މިހާރު 60 އަހަރަށްވުރެ މަތިވެފައިވާ ހީނާ އަކީ އަދިވެސް ވަރަށް ހަރަކާތްތެރި ކޯޗެެކެވެ. އޭނާ އަކީ ކުލަބު ވެލެންސިއާގެ އެއް ފައުންޑަރެވެ. އަދި އެކުލަބުގެ އެކަޑަމީ ހިންގުމުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ބޭފުޅާ އެވެ. މި ގޮތުން މާލެ އާއި އަތޮޅު ތެރޭގައި ކުޑަކުދިންނަށް ފުޓްބޯޅަ ދަސްކޮށްދިނުމަށް އޭނާ ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ.
ހީނާ އަކީ ކުރިން ގައުމީ ޓީމަށް ކުޅެ، ހާއްސަކޮށް ވެލެންސިއާ އަށް ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދާދީފައިވާ ކޯޗެކެވެ. އޭނާ ވަނީ ނިމިދިޔަ ސަރުކާރުގައި ކަމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމު ވެސް އަދާކޮށްފަ އެވެ. އޭނާ އަކީ ކުޅިވަރށް ހިދުމަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމް އަދި ޝަރަފުވެރިކަމުގެ އިނާމް ވެސް ލިބިލައްވާފައިވާ ބޭފުޅެކެވެ.