ކުޅިވަރު

ޔޫރޮޕާ ލީގުގެ ޗެމްޕިއަން، ޗެމްޕިއަންސް ލީގު ކުޅުން ގޯސް: ވެންގާ


ޔޫރޮޕާ ލީގުގެ ޗެމްޕިއަން، ޗެމްޕިއަންސް ލީގު ކުޅުން ގޯސް: ވެންގާ
ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދުމުން ޗެމްޕިއަންސް ލީގުން އޮޓެމެޓިކް ޖާގަ އެއް ދިނުމަކީ ގޯސް ކަމެއް ކަމަށް ތަޖުރިބާކާރު ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ޗީފް އޮފް ގްލޯބަލް ޑިވެލޮޕްމަންޓްގެ މަގާމުގައި ހުންނެވި އާސެނަލްގެ ކުރީގެ ކޯޗު ވެންގާ މިހެން ބުނީ އޭނާ އާސެނަލް އަށް ކޯޗުކޮށްދިންއިރު އެންމެ ވާދަވެރި ޓީމު މެންޗެސްޓާ ޔުނައިޓެޑްގެ އެއް ފިޔަވަޅު ފައިނަލުގައި އޮއްވަ އެވެ.

ވެންގާ ވަނީ އާސެނަލްގެ ކޯޗުކަމުގައި 17 އަހަރު ހޭދަކޮށްފަ އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ އެ ހޯދަނީ އިނގިރޭސި ޕްރެމިއާ ލީގުގެ ގަދަ 10ގައި ވެސް ނުހިމެނި އެވެ. އެ ޓީމު އޮތީ ލީގު ތާވަލުގެ 15 ވަނާގަ އެވެ. މިހެންވެ ޔުނައިޓެޑް ކޮލިފައިވެއްޖެނަމަ އެ ޓީމު ވާނީ 2010ގައި މުބާރާތް ޔޫރޮޕާ ލީގު ރީބްރޭންޑް ކުރި ފަހުން އަމިއްލަ ލީގުގެ ގަދަ 12ގައި ވެސް ނުހިމެނި ޗެމްޕިއަންސް ލީގު ކުޅޭނެ ފުރަތަމަ ޓީމަށެވެ.

"އަހަރެން ދެކޭ ގޮތުގައި ޔޫރޮޕާ ލީގުގެ ޗެމްޕިއަނުން ޗެމްޕިއަންސް ލީގަށް އޮޓެމެޓިކުން ކޮލިފައިވުމަކި ގޯހެއް. އެހެނެއްނޫން ޗެމްޕިއަން ޓީމު އަނެއް އަހަރުގެ ޔޫރޮޕާ ލީގަށް އޮޓެމެޓިކުން ކޮލިފައިވުން ރަނގަޅު،" ވެންގާ ބުންޏެވެ.

އޭނާ އަދި ބުނީ މިހާރު ފޯމެޓް އޮތް ގޮތުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އިނގިރޭސި ލީގުގެ ގަދަ ފަސް ޓީމަށް ޖާގަ ލިބޭއިރު ހަ ވަނަ ޓީމެއްގެ ގޮތުގައި ޔޫރޮޕާ ލީގުގެ ޗެމްޕިއަން ކޮލިފައިވުމަކީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން ވެސް ވިސްނާލުން ރަނގަޅު ކަމެއް ކަމަށެވެ.

"ހަމަ މިއާއެކު އަނެއް ބަޔަކު އެބަ ބުނީ ޔޫރޮޕާ ލީގު ފޯރިގަދަކޮށް، އެ މުބާރާތަށް ޓީމުތަކުން ދޭ ސަމާލުކަން ބޮޑު ކުރުމަށް ޗެމްޕިއަންސް ލީގުން ޖާގަ އެއް ދިނުން ރަނގަޅު ކަމަށް. އެހެންވީމާ މި ހުންނަނީ މަޝްވަރާކޮށް، ގޮތެއް ނިންމުން މުހިންމު ކަންކަން،" ވެންގާ ބުންޏެވެ.

ޔޫރޮޕާ ލީގުގެ ފައިނަލް ކުޅުން އެންމެ ގާތް ދެ ޓީމަކީ ޔުނައިޓެޑާއި ޓޮޓެންހަމެވެ. ޔުނައިޓެޑްގެ އިތުރުން ޓޮޓެންހަމަކީ ވެސް މި ސީޒަނުގެ ޕްރެމިއާ ލީގުގައި ނަތީޖާ ދަށް ޓީމެކެވެ. އެ ޓީމު މިވަގުތު އޮތީ ލީގުގެ ތާވަލުގެ 16 ވަނާގަ އެވެ.