ޚަބަރު

އެމްބާޕޭގެ ދެ ލަނޑާއެކު ރެއާލް މޮޅުވެ ފަރަގު ކުޑަކޮށްފި


ސްޕެނިޝް ލަލީގާގައި ރޭ ސެލްޓަވީގޯ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށް އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެމެދުވާ ފަރަގު ކުޑަކޮށްފި އެވެ.

މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމު އޮތީ ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން 75 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް 79 ޕޮއިންޓް ލިބިފައިވާއިރު ދެ ޓީމަށްވެސް ބާކީ ދެން އޮތީ ހަތަރު މެޗެވެ.

ސެލްޓަވީގޯ އަށް ލިބިފައިވާ 46 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތްވަނައިގަ އެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 33 ވަނަ މިނިޓުގައި ރެއާލްގެ އާދާ ގުލާ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ލީޑު ނަގައިދީފަ އެވެ.

އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް ޖޫޑް ބެލިންހަމްގެ އެސިސްޓަކުން ކިލިއަން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިން ވަނަ މިނިޓުގައި އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

ސެލްޓަވީގޯ އިން ވަނީ މެޗުގެ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ރަގަޅުކޮށް ރެއާލް މެޑްރިޑްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެގޮތުން މެޗުގެ 69 ވަނަ މިނިޓުގައި ހަވީ ރޮޑްރިގޭޒް ކާމިޔާބުކޮށްދިން ލަނޑާއެކު ރެއާލް މެޑްރިޑަށް ވަނީ އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހިފަ އެވެ.

ސެލްޓަވީގޯ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވިލިއޮޓް ސްވެޑްބަރގް އެވެ.

މި ލަނޑު ޖެހިތާ ދެ މިނިޓު ފަހުން ސެލްޓަވީގޯގެ ޕަބްލޯ ދުރާން އަށް ވަނީމެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ ރެއާލް މެޑްރިޑްގެ ކީޕަރު ޓިބާ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ލަލީގާގެ ޗެމްޕިއަންކަން ހޯދުމަށް ރެއާލް މެޑްރިޑްގެ އިތުރުން ބާސެލޯނާ އިން މަސައްކަތް ކުރަމުންދާއިރު އަންނަ ހަފްތާގައި ދެ ޓީމު ބައްދަލުކުރާ މެޗުން ބާސެލޯނާ މޮޅުވެއްޖެނަމަ އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބިގެންދާނެ އެވެ. ނަމަވެސް ބާސެލޯނާ ބަލިވެއްޖެނަމަ ލީގު ހޯދުމުގެ ފުރުސަތު ރެއާލް މެޑްރިޑަށް ބޮޑުވާނެ އެވެ.