މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރާއެކު ބައިނަލްއަޤްވާމީ މާލީ ދާއިރާގެ މުސްތަގުބަލުއޮތީ ރާއްޖޭގައިކަަމށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު، ގާއިމްކުރަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަސް ކުރުނބާ މޯލްޑިވްސްގައި ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރުގެ މަސައްކަތްތަކާއެކު ފެށިގެން މިދަނީ ރާއްޖޭގެ އިޤްތިޞާދުގެ އެތައް ގޮތަކުން ކުރިއަރައިި ސިންދަފާތުކޮށް ކުރިއަށްގެންދިއުމުގެ ތަޞައްވުރު ހަޤީގަތަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތްކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް 2040ވަނަ އަހަރު ވުމުގެ ބިންގާ އެޅިގެންމިދިޔައީ. މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ވެގެންދާނީ އަޅުގަނޑުމެން މުސްތަޤުބަލަށް ދޫކުރާ ތަރިކައަކަށްކަމަށެވެ. އަދި މިއީ ހަމައެކަނި ގަލާއި ދަނގަނޑުގެ ތަރިކައެއް ނޫންކަމަށާއި ކެރިގެން ނިންމާ ނިންމުންތަކުގެ ތަރިކައަކަށް އެމްއައިއެފްސީ ވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދަތުރުފަށާއިރު، މިއީ ޔަޤީންކަމާއި ސާފު، އަދި ދުރު ފެންނަ މިސްރާބަކަށް ފަށާ ދަތުރެއް. މިއަދު ފެށިގެން މިދާ މަސައްކަތަކީ އަޅުގަނޑުމެންގެ ފައިވާނަށް ވުރެ މާ ދުރަށް ގުގުމާލާނެ މަސައްކަތެއް. އަޅުގަނޑު ގޮވާލަން ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި ފިކުރުކުރާ ފަރާތްތަކަށް. މާލީ ދާއިރާގެ މުސްތަޤުބަލު މިއޮތީ ރާއްޖޭގައި. މިއީ ދެމެހެއްޓެނިވި ވަށާޖެހޭ އިންސާނީ ވަންތަކަން ދަމަހައްޓާ މަޝްރޫއުއެއް. މިއީ ރާއްޖޭގެ ބައިނަލްއަޤްވާމީ މާލީ މަރުކަޒު" ރައީސް ވިދާޅުވިއެވެ
މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މުސްތަޤުބަލުގެ މާލީ ދާއިރާ ޤާއިމްކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަޙައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރެވިގެންދާނެއެވެ.
2030 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ މަޤްޞަދަކީ 4 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމެވެ. މިއާއެކު 5 ވަނަ އަހަރާ ހަމައަށް 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް މިމަޝްރޫޢުގެ ތެރެއިން ލިބޭނެ ކަމަށް ދިވެހި ސަރުކާރުން ލަފާކުރެއެވެ.