އޭޝިޔާގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭއެފްސީ ޗެމްޕިއަންސް ލީގު ސައުދި އަރަބިއްޔާގެ އަލް އަހްލީ އިން ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.
އަލް އަހްލީ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޖިއްދާގެ ކިންގް އަބްދުالله ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ޖަޕާނުގެ ކަވަސާކީ ފްރޮންޓޭލް އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 35 ވަނަ މިނިޓުގައި އަލް އަހްލީގެ ބްރެޒިލް މިޑްފީލްޑަރ ގަލޭނޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި އޭގެ ހަތް މިނިޓު ފަހުން މެޗުގެ 42 ވަނަ މިނިޓުގައި އަލް އަހްލީގެ ފްރޭންކް ކެސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
އަލް އަހްލީ އިން ފުރަތަމަ ފަހަރަށް އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާއިރު, އެ ކްލަބު ވެފައިވަނީ މި މުބާރާތް ކާމިޔާބުކުރި ސައުދި އަރަބިއްޔާގެ ތިންވަނަ ކްލަބަށެވެ. މީގެ ކުރިން އަލް އިއްތިހާދު އިން ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާއިރު އަލް ހިލާލް އިން ވަނީ ހަތަރު ފަހަރު މަތިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
އަލް އަހްލީ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މި މުބާރާތުގެ ފައިނަލުގައި ކުޅެ ބަލިވެފަ އެވެ. އެއީ 1986 ވަނަ އަހަރާއި 2012 ވަނަ އަހަރެވެ.