ކުޅިވަރު

64 މިލިއަން ދޭނަމަ ރެއާލްއިން ރޮޑްރީގޯ ވިއްކާލަނީ


ރެއާލް މެޑްރިޑުގެ ބްރެޒިލް ފޯވްޑް ރޮޑްރީގޯ އެކުލަބު ދޫކޮށްލަން ވިސްނަން ފަށައިފި ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނަން ފަށައިފި އެވެ.

އުމުރުން 24 އަހަރުގެ ފޯވަޑް ރެއާލް ދޫކޮށްލަން ވިސްނަމުންދަނީ އެ ކުލަބުގެ ފޯވަޑް ލައިނުގެ ވާދަވެރިކަން ބޮޑުވުމާއި އޭނާ އަށް އެކަށީގެންވާ ފުރުސަތު އަންނަ ސީޒަނުގައި ނުލިބިދާނެ ކަމަށް ބަލައިފަ އެވެ. ސަބަބަކީ އަހަރުން އަހަރަށް އޭނާ އަށް ލިބޭ ފުރުސަތުތައް މަދުވަމުންދާތީ އެވެ.

ރޮޑްރީގޯ ގަތުމަށް އިނގިރޭސިވިލާތުގެ އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑުން ތިބީ ތައްޔާރަށެވެ. ނަމަވެސް މީގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑުން ވަނީ 64 މިލިއަން ޑޮލަރު ދޭން ތައްޔާރުވަމުންނެވެ. ސްޕޭނުގެ މީޑިއާތަކުން ބުނަނީ ރޮޑްރީގޯ އަށް މި ވަރުގެ އަގެއް ލިބޭނަމަ އޭނާ ދޫކޮށްލަން މެޑްރިޑް އޮތީ ތައްޔާރަށް ކަމަށެވެ. ސަބަބަކީ އެކުލަބުގައި ފޯވަޑުން އެކަށީގެންވާ ވަރަށް ތިބުމާއި އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ބައެއް ކުޅުންތެރިން ވިއްކާލަން ޖެހޭތީ އެވެ.

މި ގޮތުން ރެއާލްއިން ގަތުމަށް ވިސްނަމުންދާ ކުޅުންތެރިއަކީ ޖަރުމަނުގެ މިޑްފީލްޑަރު ފްރޯލިއަން ވާޓްޒް އެވެ. އޭނާ އަކީ ޖަރުމަނުގެ ޗެމްޕިއަން ބަޔާ ލެވަކޫސަން އަށް ކުޅެމުން އަންނަ އެޓޭކިން މިޑްފީލްޑަރެކެވެ. ރެއާލްއިން ރޮޑްރީގޯ އަށްވުރެ ބޮޑަށް ވާޓްޒް ބޭނުންވަނީ އޭނާ އަކީ މެދާއި އެޓޭކްގައި ވެސް ކުޅެވޭ ކުޅުންތެރިއަކަށް ވުމުންނެވެ.

ރޮޑްރީގޯ ވަނީ ރެއާލް މެޑްރިޑަށް މިހާތަނަށް 172 މެޗުން 32 ގޯލު ޖަހައިދީފަ އެވެ. ނަމަވެސް މި އަދަދަކީ 2019 ވަނަ އަހަރު ޓީމާ ގުޅުނު ފޯވަޑްގެ ފަރާތުން ރެއާލް އުއްމީދު ކުރި ވަރަށްވުރެ ދަށް ނަތީޖާތަކެކެވެ.

ރެއާޅް މެޑްރިޑުން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ރޮޑްރީގޯގެ އިތުރުން އެހެން ބައެއް ކުޅުންތެރިން ވެސް ވިއްކާލާނެ އެވެ. މި ގޮތުން އެ ކުލަބުން ސޮއި ކުރުވަން މަސައްކަތް ކުރަމުންދާ ކުޅުންތެރިންގެ ތެރޭގައި ލިވަޕޫލަށް ކުޅޭ އިނގިރޭސި ކަނާތު ބެކް ޓްރެންޓް އެލެގްޒެންޑާ އާނޮލްޑް ހިމެނެ އެވެ. އެއް ބަޔަކު ބުނަނީ އާނޮލްޑް ހުރީ އަނގަ ބަހުން ރެއާލް އަށް ކުޅެން އެއްބަސްވެގެން ކަމަށެވެ.