ޚަބަރު

މީޑިއާ ވިލެޖާއި، ޔޫތު ސެންޓަރު އަދި މެޑިކަލް ކޮލެޖް ތަރައްޤީކުރުމަށް "ވޯލްޑް އޮފް ބިޒްނަސް"އަށް


  • ސަރުކާރުގެ ވަޢުދުތަކުގައި ހިމެނޭ ފްލޯތަކުގެ މަސައްކަތް 4 މަހުން ނިންމަންޖެހޭ

  • ހޮޓެލްގެ އެހެން ސަރަޙައްދުތަކުގެ މަސައްކަތް 9 މަސްތެރޭގައި ނިންމަންޖެހޭ

ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖާއި، ޔޫތު ސެންޓަރު އަދި މެޑިކަލް ކޮލެޖް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސިޓީ ހޮޓަލުގެ މަސައްކަތް ނިންމާ އަދި އެތަން ހިންގުމަށް "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއި" ހަވާލުކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ، 4 މަސްދުވަހުގެ ތެރޭގައި ސަރުކާރުގެ ބޭނުމަށް ތަރައްޤީކުރާ ސަރަޙައްދުތަކުގެ މަސައްކަތް ނިންމާ ހަވާލުކުރާގޮތަށެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ، 2012 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް އެމަސައްކަތް ކުރިއަށްނުގޮސް ހުއްޓި ދިގުލައިގެން ދިޔުމާއި ގުޅިގެން 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން އެޢިމާރާތް އެސްޓީއޯގެ އަތުން ނެގުމަށްފަހު އެޗްޑީސީންވަނީ އެސްޓީއޯއަށް އެހެން 2 ބިމެއް ދިނުމަށް ނިންމާފައެވެ.

ސަރުކާރު ބަދަލުވެ ތަރައްޤީގެ މުހިއްމު މަޝްރޫޢުތަކެއް އަދި ރައީސުލްޖުމްހޫރިއްޔާގެ މުހިއްމު ގިނަ ވަޢުދުފުޅުތަކެއްގެ މުހިންމު ބިނާގެ ގޮތުގައި އެއިމާރަތް ހަމަޖައްސަވާ އެމަސައްކަތް ކުރުމަށްވަނީ ކުންފުންޏެއް އުފައްދަވާފައެވެ. އެޗްޑީސީއިން ހުކުރު ދުވަހުވަނީ އެކުންފުންޏާއެކު ސިޓީ ހޮޓާލުގެ މަސައްކަތް ކުރުމަށާއި އަދި އެތަން ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ސިޓީ ހޮޓަލް ތަރައްޤީކުރަނީ ސަރުކާރުގެ އޮފީސް ބައެއް ހިމެނޭގޮތަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖާއި، ޔޫތު ސެންޓަރު ނުވަތަ އީ-ސްޕޯޓްސް އަދި ހެރިޓޭޖް ކޮލެޖާއި މެޑިކަލް ކޮލެޖް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިތަންތަނުގެ މަސައްކަތް 4 މަސްދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރަންޖެހޭކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހޮޓެލްގެ ބާކީ ސަރަޙައްދުގައި ފަސް ތަރި ސްޓޭންޑާރޑްގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ 9 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށްވަނީ ހަމަޖެހިފައެވެ. އެޗްޑީސީން ވިދާޅުވީ ސިޓީ ހޮޓެލް ތަރައްޤީކުރަނީ ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ހޮޓަލެއްގެ ގޮތަށްކަމަށެވެ.

'މެންހަޓަން ގްރޭންޑ ހޮޓެލް' ގެ ނަމުގައި ވޯރލްޑް އޮފް ބިޒްނަސްއިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ 50 އިންސައްތަ ފޮރިން އިންވެސްޓްމަންޓާއެކުގައި ކަމަށާއި މިމަޝްރޫއަށް އިންވެސްޓްކުރަނީ، ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ 'ޑީޕް ސީފުޑް ކޮމްޕެނީ'އިންކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

2012 ވަނަ އަހަރު ތަރައްޤީކުރަން ފެށި ސިޓީ ހޮޓަލުގެ މިހާރު ކުރަންޖެހެނީ ފިނިޝިންގެ މަސައްކަތްތަކެވެ. ޢިމާރާތުގެ ސްޓްރަކްޗަރގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.