ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި މާލޭގައި ސުލްހަވެރިކަމާއެކު އެއްވެ އުޅެވޭނެ އިތުރު ސަރަޙައްދުތަކެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވައިފިއެވެ.
ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެއްވެ އުޅުމަށް މީގެ ކުރިން ކަނޑައަޅުއްވާފައިވަނީ މާލޭގައި އެންމެ ސަރަހައްދެކެވެ. އެއީ ހެންވޭރު ކާނިވާ ސަރަހައްދެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ނެރުއްވި އިޢުލާނުގައި ވަނީ ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެއްވެ އުޅުމަށް އެންމެ ސަރަހައްދެއް ކަނޑައަޅުއްވާފައިވާތީ މާލޭގައި އެއްވެ އުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން މިހާރު އިތުރު 3 ސަރަހައްދެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެ 3 ސަރަހައްދަކީ ރަސްފަންނު ސަރަހައްދާއި މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދުގެ އިތުރުން އުސްފަސްގަނޑު ސަރަހައްދެވެ.
ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، އަލަށް ކަނޑައެޅި ސަރަހައްދުތަކާ އެކު ޖުމްލަ 4 ސަރަހައްދުގައިވެސް ފުލުހުންގެ ހުއްދައާ ނުލައި އެއްވެ އުޅެވޭނެ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުން ލިޔުމުން ދޭ ހުއްދައަކާއެކު މި ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި އެއްވެ އުޅެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެންމެ ފުޅާ މިނުގައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޒިންމާދާރުކަމާއެކީ ފާޅުކުރާ ޚިޔާލާއި ކަންބޮޑުވުންތައް ބަލައިގަންނާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ޤައުމު ހަލަބޮލިކޮށް، ޤައުމުގެ ހަމަޖެހުން ނަގާލުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.