މޯލްޑިވްސް ސޮކަރ ވެޓެރަންސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ 12 އަހަރުން ދަށުގެ މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕުގެ ގުރުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ ކުޅުން ކުރިޔަށްދާނީ ހެންވޭރު ދަނޑުގައެވެ.
މޭމަހުގެ 1-3 އަށް ބާއްވާ މިމުބާރާތުގައި 26 އެކަޑަމީއަކުން ޖުމްލަ 44 ޓީމު ވާދަކުރާނެއެވެ. މުޅި މުބާރާތުގައި 222 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި ގުރޫޕް ސްޓޭޖާއި، 2 ވަނަ ބުރާއި ގަދަ ސޯޅަ އަދި ކުއާޓާރ ފައިނަލާއި ސެމީ ފައިނަލާއި ފައިނަލް ކުޅޭ ގޮތަށް ބާއްވާ މި މުބާރުގައި ވީހާވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ބޭނުންވާ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
މެންހެޓަން ރެސްޓޯރެންޓްގައި ހޯމަދުވަހުގެ ރޭ ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ސްޕޯޓްސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސޮކާ ވެޓެރަންސްގެ ރައީސް އަލީ ޝަމީމް ވިދާޅުވީ މިއީ ވީހާވެސް ގިނަ ކުދިންނަށް މެޗުތައް ކުޅުމުގެ ފުރުސަތުދީގެން ކާނިވަލެއް ގޮތަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ.
އެގޮތުން ކޮންމެ ޓީމަކަށްވެސް މަދުވެގެން 3 ނުވަތަ 6 މެޗު ކުޅުމަށް ފުރުސަތު ލިބޭނެ ކަމަށާއި، މިއީ ގިނަ ކުދިންތަކަކަށް ހުނަރު ދައްކާލަން ލިބޭ ފުރުސަތެއްކަމަށް ޝަމީމް ވިދާޅުވިއެވެ.
މިއީ އެކަޑަމީ ޗެމްޕިއަންޝިޕްގެ ނަމުގައި މި މުބާރާތް ބާއްވާ ހަތަރުވަނަ އަހަރެވެ. އެހެންނަމަވެސް މައިލޯ ފިއެސްޓާ ބާއްވާތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެއެވެ. އަދި މިހާރު ފުރަތަމަ ޑިވިޝަނުގައި ފެންނަ ކުޅުންތެރިންނަކީ މައިލޯ ފިއެސްޓާގައި ކުރިން ކުޅުނު ހުނަރުވެރި ކުޅުންތެރިންކަން ޝަމީމް ފާހަގަ ކުރިއެވެ.
އަދި މައިލޯ ފިއެސްޓާއިން ފެނިގެންދިޔަ ހުނަރުވެރި ކުޅުންތެރިން މިހާރުގެ ގައުމީ ޓީމުގައިވެސް އެބަތިބި ކަމަށާއި، ފިއެސްޓާއަކީ ކުރިއަރަމުން އަންނަ ކުޅުންތެރިންނަށް ހުނަރު ތަރައްޤީކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން ފިއެސްޓާ ބާއްވަމުން އަންނައިރު މީގެ ކުރިން އައްޑޫ، ފުވައްމުލައް އަދި ނ.އަތޮޅުގައިވެސް މުބާރާތް ބާއްވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ވަނީ ސޮކާ ވެޓެރަންސް އެސޯސިއޭޝަންގެ ވެބްސައިޓްވެސް ލޯންޗްކޮށްފައެވެ.