އިޓާލިއަން ލީގުގައި ރޭ ޓޮރީނޯއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނާޕޮލީން ނަގައިފިއެވެ.
ނާޕޮލީ މި މެޗުން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން 74 ޕޮއިންޓު ލިބިފަ އެވެ. ދެވަނައިގައި އޮތް އިންޓަރ މިލާނަށް ލިބިފައިވަނީ 71 ޕޮއިންޓެވެ. ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު ލީގު ޗެމްޕިއަންކަން ހޯދުމުގެ ވާދަވެރިކަން އޮތީ މި ދެ ޓީމުގެ މެދުގަ އެވެ.
ނާޕޮލީގެ ޑިއެގޯ އާމަންޑޯ މެރެޑޯނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ނާޕޮލީ އެވެ. އަދި ޓޮރީނޯއަށް އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލައެއްވެސް އުފެއްދިފައެއް ނުވެއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ހަތް ވަނަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑަށް ކުރިން ކުޅުނު ސްކޮޓް މެކްޓޮމިނޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 11 ވަނަ ލަނޑެވެ. އަދި އެންމެ ފަހުން ކުޅުނު ތިން މެޗުގައި މެކްޓޮމިނޭ ވަނީ ފަސް ލަނޑު ޖަހާފަ އެވެ.
ނާޕޮލީ އަށް ތިން ޕޮއިންޓުގެ ލީޑެއް ލިބިފައިވަނީ ލީގުގައި ރޭ ވާދަވެރި ރޯމާ އާއި ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އިންޓަރ މިލާން ބަލިވުމުންނެވެ.
އެހެންކަމުން ލީގުގައި ކުރިއަށް އޮތް ހަތަރު މެޗަށްފަހު ޕޮއިންޓުގެ ގޮތުން ދެ ޓީމު އެއްވަރުވެއްޖެނަމަ ލީގު ޗެމްޕިއަންކަން ލިބޭނެ ޓީމެއް ބެލުމަށް އިތުރު މެޗެއް މި ދެ ޓީމުގެ މެދުގައި ކުޅެވޭނެ އެވެ. އަދި މެޗު ކުޅޭނެ ދަނޑެއް ކަނޑައެޅިގެންދާނީ ފައިދާ ގޯލުގެ ތަފާތުންނެވެ.