ލިވަޕޫލްއާއެކު އިތުރު ދެ އަހަރު ސޮއިކުރި ނަމަވެސް، މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހަކީ އަދިވެސް ސައުދީ ލީގަށް ބޭނުން ހިފިދާނެ ކުޅުންތެރިއެއް ކަމަށް އެ ގައުމުން ބުނެފިއެވެ.
ސައުދީ އަރަބިއްޔާގެ ކުޅިވަރާ ބެހޭ ވަޒީރު ޕްރިންސް އަބްދުލް އަޒީޒް ބިން ތުރްކީ އަލް-ފައިސަލް ވިދާޅުވީ ސަލާހު ސައުދީ ލީގަށް ގެންނަން ނޫޅުނަސް، އޭނާ އެ ލީގަށް ބަދަލުވާނެ ވާހަކަ ދައްކަނީ ނޫސްވެރިން ކަމަށެވެ.
އުމުރުން މިހާރު 32 އަހަރުގެ ފޯވާޑް ލިވަޕޫލްއާއެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރީ މި ސީޒަނަކާއެކު އޭނާގެ އެއްބަސްވުން ހަމަވުމުން ސައުދީގެ ގަދަ ހަތަރު ޓީމު ކުރެ ޓީމަކަށް ބަދަލުވާނެ ކަމަށް ވަރަށް ބޮޑަށް ވާހަކަ ދެކެވިފައިވަނިކޮށެވެ. ލިވަޕޫލްއއެކު އޭނާ އެއްބަސްވުން އައު ކުރި ނަމަވެސް ސައުދީ ކުޅިވަރު ވަޒީރު ވިދާޅުވީ މިއީ ސަލާހު ސައުދީ ލީގަށް ގެނައުން ކަފުން ވުން ނޫން ކަމަށެވެ.
"އަހަރެން މި ބުނާ ވާހަކަ އަކީ އޭނާ ސުޕް ސްޓާރެއްގެ ވާހަކަ. އަދި އޭނާ އަކީ އަރަބި މުސްލިމެއް. މިހެންވީމާ އޭނާ އަކީ ސައުދީ ލީގުގައި ކުޅެން ވަރަށް އެކަށޭނެ އަދި އެ ލީގުން ބޭނުންވާނެ ކުޅުންތެރިއެއް. އޭނާގެ ކަމެއް އެއްބަސްވުން އައުކުރުމާއި ނުކުރުމަކީ. އޭނާ އާއި ސައުދީ އަރަބިއްޔާއިން ގުޅުމުގެ ކުރިން އޭނާއާ ސައުދީއާ ގުޅުވަން ފެށީ ފުރަތަމަ ދުވަހުން ފެށިގެން މީޑިޔާތަކުން،" ވަޒީރު ވިދާޅުވި އެވެ.
އިތުރަށް އޭނާ ވިދާޅުވީ ސައުދީ ލީގުން މިހާރު ކުޅުންތެރިން ގަންނަނީ ރޭވުންތެރިކަމާއެކުގައި ކަމަށެވެ. މި ގޮތުން އެ ލީގަށް ޒުވާން ކުޅުންތެރިން ގެނައުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.
"މިފަހުން ސޮއިކުރުވާފައި ތިބި ކުޅުންތެރިންނާ ބަލާލުމުން ވެސް އެނގޭނެ މިއީ ހަމަ ތިބެފައި ކުޅުންތެރިންތަކެއް ގެންނަނީކީ ނޫންކަން. އަހަރުމެން މި ފަހުން ގެނައީ ވަރަށް ޒުވާން ކުޅުންތެރިން. ލީގު ވާދަވަރި ކުރުވުމަށްޓަކައި ޒުވާން ކުޅުންތެރިން ގެނައުން ވަރަށް މުހިންމު. ލީގުގެ ވާދަވެރިކަމަށް ބަލާއިރު ޚާއްސަކޮށް ފުރަތަމަ ހަތަރު ޓީމަށް ބަލާއިރު ވާދަވެރިކަން ވަރަށް ބޮޑު،" ވަޒީރު ވިދާޅުވި އެވެ.
އޭނާ އަދި ބުނީ ދުނިޔޭގެ ތަރިންނާއި ހާއްސަކޮށް އަރަބި ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިން ސައުދީ ލީގަށް ގެނައުމަކީ އަބަދުވެސް ވިސްނާ ކަމެއް ކަމަށެވެ. އަދި ސަލާހު ފަދަ ތަރިންނަށް ސައޫދީ ލީގުން މަރުހަބާ ކިޔަން ނުޖެހޭނެ ސަބަބެއް ނޯންނާނެ ކަމަށެވެ.