އިނގިރޭސި ޕްރިމިއަރ ލީގުގައި އަންނަ ހަފުތާގައި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗަށް ނެރޭ ސުކޮޑުގައި އާސެނަލްގެ ފޯވާޑް ބުކަޔޯ ސަކާ ހިމެނިދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. 
އިނގިރޭސިވިލާތުގެ އުމުރުން 23 އަހަރުގެ ސަކާ ކުޅުމުގެ ތެރެއަށް އެނބުރި އައުމަށް ތައްޔާރުވަމުންދާއިރު، ސަކާއަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހުނީ ޕްރިމިއރ ލީގުގައި މިދިޔަ އަހަރުގެ ޑިސެމްބަރު 21 ގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވުމުންނެވެ. އެ މެޗުން އާސެނަލް ވަނީ 5-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
އެ މެޗުގައި ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް ސަކާ ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި ރިކަވަރީ ޕްލޭނާ އެއްގޮތަށް އޭނާގެ ފަރުވާގެ ކަންކަން ކުރިޔަށް ގެންދިއުމަށްފަހު، މިހާރު އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. 
އަންނަ އަންގާރަ ދުވަހު ކުޅޭ މެޗަށް ސަކާ ނުކުންނާނެކަން ޔަގީންވާނީ ދުވަސް ކައިރިކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އަންަނ އޭފްރީލް މަހު އޮންނަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށްވެސް ސަކާއަކީ މުހިންމު ކުޅުންތެރިއެކެވެ. 
މި ސީޒަނުގައި މިހާތަނަށް އާސެނަލްއަށް ކުޅުނު 24 މެޗުގައި ސަކާ ވަނީ ނުވަ ލަނޑު ޖަހައި، 13 ލަނޑު ޖެހުމަށް މަގު ތަނަވަސްކޮށްދީފައެވެ. 
ސަކާއާއެކު އާސެނަލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން ބާކީ ދެ އަހަރު އޮތްއިރު، އާސެނަލުން ވަނީ އެއްބަސްވުން އިތުރުކޮށް ދިގު މުއްދަތަކަށް އެ ކްލަބުގައި އޭނާ ބަހައްޓަން ބޭނުންވާކަމަށް ބުނެފައެވެ. އާސެނަލުން ސަކާގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އޭނާގެ އެޖެންޓާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މި މަހުގެ ތެރޭގައި އެ ކުލަބުން ވަނީ ބުނެފައެވެ. 
2018 ވަނަ އަހަރު އާސެނަލާއި ގުޅުނު ސަކާ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅުނު 250 މެޗުގައި 67 ލަނޑު ޖަހާފައެވެ. އަދި މިދިޔަ ސީޒަނުގައި އޭނާ ވަނީ 47 މެޗުގައި 20 ލަނޑު ޖަހާފައެވެ.