ތަރައްްޤީ

ދުންފަތް ކޮންޓްރޯލް ކުރުމަށް ގިނަ ގޮންޖެހުންތަކެއް!


ދުންފަތުގެ ވަބާއިން މީހުން ސަލާމަތްކޮށް، ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަމަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނެއްވެސް ވަނީ އެކުލަވާލައްވައި ތަންފީޒުކުރައްވަން ފަށްޓަވާފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ޤަވާއިދެއް ވެސް އެކަށައަޅުއްވާފައިވެއެވެ. މި ޤަވާއިދުގެ ދަށުން މިއަހަގެ މިހާތަނަށް 14 ތަނެއް ޖޫރިމަނާކޮށްފައިވާކަމަށް އެޗް.ޕީއޭގެ ތަފާސް ހިސާބުތަކުންދައްކައެވެ. އަދި މި ޤަވާއިދުގެ ދަށުން 213 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ވެސް އެޗްޕީއޭއިން ހާމަކުރައްވައެވެ. މީގެ އިތުރުން މިދިޔައަހަރު 126 ތަނެއް 203 ފަހަރު ޖޫރިމަނާކުރައްވާފައިވާކަމަށްވެސް އެޗް.ޕީއޭއިން ހާމަކުރައްވައެވެ.

2014 ވަނަ އަހަރަށް ބަލާއިރު 184 ތަން 329 ފަހަރު ޖޫރިމަނާކޮށްފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 2014 ވަނަ އަހަރު ފަނަސަތޭކައަށްވުރެ ގިނަމީހުން މި ޤަވާޢިދުގެ ދަށުން ޖޫރިމަނާކުރައްވާފައިވާކަމަށް ވެސް އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

img:http://s3.psmnews.mv/images/660x400/14643420057100.jpg|ދުންފަތް އެކުލެވޭ ސުޕާރި ޕެކެޓްތަކެއް-

ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަނެއްގައި ދުންފަތުގެ އިސްތިޢުމާލުކޮށްފިނަމަ، 500 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށް ކަމާބެހޭ ޤަވާޢިދު ބުނެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ޢާންމު ތަންތަން ފިޔަވައި އެހެން ތަނެއްގައި ދުންފަތުގެ އިސްތިޢުމާލު ކުރަމުންދާނަމަ މި ޤަވާޢިދުގެ  9 ވަނަ މާއްދާގެ ހ. ގެ ދަށުން އެތަނެއްގެ ވެރިފަރާތް 1000 ރުފިޔާގެ އަދަދަކުން ޖޫރުމަނާކުރެވޭނެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ތަނެއްކަން އަންގައިދޭ ލިޔުން ބަހައްޓާފައި ނުވާތީ ޤަވާޢިދުގެ 9 ވަނަ މާއްދާގެ ނ. ގެދަށުން އެތަނެއްގެ ވެރިފަރާތް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާ ކުރައްވާނެއެވެ. އަދި މިކަން ތަކުރާރުވެފައިވާނަމަ މި ޤަވާޢިދުގެ ދަށުން 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމަށް ދިމާވާ މައްސަލަކަތަކެއް އެބަހުރިކަމަށާއި، އެފަދަ މައްސަލަތައް މިހާރުވެސް ކުރިމަތިވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތުގައި ދިމާވާ މައިގަނޑު މައްސަލައަކީ ދެވޭ އިރުޝާދުތަކާއި  ނަސޭޙަތްތައް  މީހުންނަށް ސާފް ވިނަމަވެސް، މިކަމަށް ދޭންވާ ސަމާލުކަން ނުދިނުންކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14646904304629.jpg|

"ދުންފަތަކީ ކޮންސިއުމަރ ޕްރޮޑްކޓަކަމަށްވާއިރު އެއްބަޔަކު އެމާރކެޓް ކުރޭ. ހެލްތުން ބަލަނީ  ދުންފަތައް އޮންނަ ޑިމާންޑް  ދައްކުރެވޭތޯ. އެގޮތުން ޑިމާންޑް ދައްކޮށް ސަޕްލައި ކޮންޓްރޯލް ކުރުމަށް  ގާނޫނާއި ޤަވައިދުތައް ހެދިފައި ވޭ.  ރާއްޖެއަށް ދުންފަތް އެތެރެއކުރުމުގައި ހުންނަންވާ މިންގަނޑުތަކާއި އެތަކެތި ފިހާރަތަކުގައި ބަހައްޓާނީ ކިހިނެއްކަމާއި ވިއްކޭނީ ކިހިނެއްކަން ނުކުރެވޭނެ ކަންތައްތަކެއް އެބަހުރި.  އެހެންނަމަވެސް  ހިތާމައަކީ މިކަހަލަ  ކަންތައްތަކަށް ވިޔަފާރި ކުރާ ފަރާތްތަކުން ސަމާލުނުވާ ހާލު  ބައެއް އިދާރާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް  އަޅަމުން ނުދާކަން" ހަސަން ވިދާޅުވިއެވެ.

 ރާއްޖެއަށް ދުންފަތް އެތެރެ ކުރުމުގައި ހުންނަންވާ މިންގަނޑުތަކާއި އެތަކެތި ފިހާރަތަކުގައި ބަހައްޓާނީ ކިހިނެއްކަމާއި ވިއްކޭނީ ކިހިނެއްކަން އަދި ނުކުރެވޭނެ ކަންތައްތަކެއްވެސް އެބަހުއްޓެވެ. 

img:http://s2.psmnews.mv/images/660x400/14646904708883.jpg|ދުންފަތާ ދެކޮޅަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން- ފޮޓޯ: ޒިންހުއާ

ދުންފަތުން ލިބޭ ގެއްލުންތަކާއި މީހުން ދުރުވާނެ ގޮތްތައް  ކިޔާދިނުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކުރައްވަމުން ގެންދާކަމަށާއި، އެހެންނަމަވެސް ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން  ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ދުންފަތް އިސްތިހާރުކޮށް، އާއުފެއްދުންތައް ނެރެ، އެފަދަ ތަކެތި ޤަވާޢިދާ ޚިލާފަށް އިޝްތިހާރުކޮށް މާރކެޓް ކުރަމުން ގެންދާކަންވެސް އެޗްޕީއޭއިން ފާހަގަކުރެއެވެ. އަދި މިއީ ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ދިމާވާ ބޮޑު ގޮންޖެހުމެއްކަން އެ އިދާރާއިން ފާހަގަކުރެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާއި، ހޭލުން ތެރިކަން އިތުރުކުރުމުގެ އިތުރަށް ޤާނޫނު ތަންފީޒްކުރުމަށްޓަކައި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަސްޓަމްސްއާއި ދައުލަތުގެ ބައެއް އިދާރާތަކުންވެސް ބައިވެރިވަމުން ގެންދެއެވެ. އަދި ދުފަތާމެދު ހޭލުން ތެރިކަން އިތުރުކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑޔުކޭޝަނާއި، އެންޖީއޯތަކުގެ ބައިވެރިވުން ލިބިވަޑައިގަންނަވާކަމަށް އެޗްޕީއޭއިން ވިދާޅުވޭ.